Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

އަހަރެން މިހުރީ ގަދަފަދަކޮށް: ޕެލޭ

އޭނާ ހުރީ ގަދަފަދަކޮށް ކަމަށް ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ ބުނެފި އެވެ.

ޕެލޭ ،82، މިހެން ބުނެފައި ވަނީ އޭނާގެ ހާލު އިތުރަށް ގޯސްވެފައިވާ ކަމަށް ބުނެ އިއްޔެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

ޕެލޭ ނެރުނު ބަޔާނެއްގައި ބުނީ ހުރިހާ އެންމެން ވެސް ހަމަޖެހިލައިގެން ޕޮޒިޓިވްކޮށް ތިބުމަށް އެދޭ ކަމަށާއި އޭނާ ހުރީ ގަދަފަދަކޮށް ކަމަށެވެ. އަދި ބޭސްފަރުވާގެ ކަންކަން ބަރާބަރަށް ކުރިއަށްދާ ކަމަށާއި އޭނާއަށް ފަރުވާ ދެމުންދާ މެޑިކަލް ޓީމަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށްވެސް ޕެލޭ ބުންޏެވެ.

ޕެލޭ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އޭނާ އަށް ފޮނުވަމުންދާ މެސެޖުތަކަށް ވެސް ޝުކުރުވެރިވާކަން ހާމަކޮށްފަ އެވެ.

ޕެލޭ ބާއްވާފައި އޮތް ހޮސްޕިޓަލުން ރޭ ނެރުނު ބަޔާނެއްގައި ވަނީ އޭނާގެ ސިއްހީ ހާލަތު ރަނގަޅު ކަމަށާއި އިތުރު ބަދަލެއް އައިސްފައި ނުވާ ކަމަށް ބުނެފަ އެވެ. ޕެލޭ ހޮސްޕިޓަލްގައި އެޑްމިޓް ކުރީ މިދިޔަ ބުދަ ދުވަހު އެވެ.

ޕެލޭ އަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތި ވެފަ އެވެ. އެގޮތުން 2017 ވަނަ އަހަރު ކިޑްނީގެ މައްސަލައެއްގައި ޕެލޭ ހޮސްޕިޓަލްގައި ދުވަސްކޮޅެއް ވަންދެން އެޑްމިޓް ކުރި އެވެ. އޭގެ ކުރިން 2015 ވަނަ އަހަރު ބްރެޒިލްގެ ހޮސްޕިޓަލެއްގައި ވެސް ދިގު މުއްދަތަކަށް އޭނާ އެޑްމިޓް ކުރި އެވެ.

ޕެލޭއަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ޖުމުލަ 21 އަހަރުގެ ދިގު ފުޓުބޯޅަ ކެރިއަރުގައި ޕެލޭވަނީ 1281 ގޯލް ޖަހައިފަ އެވެ. މީގެ ތެރެއިން 77 ގޯލް އޭނާ ޖަހައިދީފައިވަނީ ބްރެޒިލަށް ކުޅުނު 91 މެޗުގަ އެވެ.

މިހާރު އުމުރުން 82 އަހަރުގެ ޕެލޭ އަކީ ވޯލްޑްކަޕު ތިން ފަހަރު ހޯދި ހަމައެކަނި ކުޅުންތެރިޔާ އެވެ.