Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

ޕެނަލްޓީ އަށް ވެސް އިންގްލޭންޑް މިރޭ ތައްޔާރު

ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި މިރޭ ސެނެގާލްއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ތެރެއިން ޕެނަލްޓީ ޖެހުމަށް ވެސް ޓީމު އޮތީ ތައްޔާރަށް ކަމަށް އިންގްލެންޑްގެ ކޯޗު ގެރެތް ސައުތްގޭޓް ބުނެފި އެވެ.

އިންގްލެންޑްގެ ކޯޗުކަމާ ސައުތްގޭޓް ހަވާލުވިފަހުން އިންގްލެންޑުން ތިން މެޗެއްގައި ޕެނަލްޓީ ޝޫޓްއައުޓަކަށް ގޮސްފައިވާއިރު އޭގެތެރެއިން ދެ ޕެނަލްޓީ ޝޫޓްއައުޓް އިންގްލެންޑުން ވަނީ ކާމިޔާބުކޮށްފަ އެވެ. އިންގްލެންޑަށް ނާކާމިޔާބުވީ އެންމެފަހުން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި އިޓަލީއާ ބައްދަލުކުރި މެޗުގެ ޕެނަލްޓީ ޝޫޓްއައުޓުންނެވެ.

މިރޭގެ މެޗުގެ ކުރިން ވާހަކަދައްކަމުން ސައުތްގޭޓް ބުނީ އަމާޒަކީ 90 މިނެޓްތެރޭގައި މެޗު ކާމިޔާބުކޮށް، އިތުރު ވަގުތުގެ 15 މިނެޓްގެ ދެ ހާފާއި ޕެނަލްޓީއަށް ނުދިޔުން ކަމަށެވެ. ނަމަވެސް އެހާ ހިސާބަށް ވެސް ދާން ޖެހިއްޖެނަމަ އެކަމަށް އިންގްލެންޑް ހުރިހާ ގޮތަކުން ވެސް ތައްޔާރުވާންޖެހޭނެ ކަމަށާއި ޓީމު އޮތީ ތައްޔާރަށް ކަމަށް ގަބޫލުކުރާ ކަމަށް ސައުތްގޭޓް ބުންޏެވެ.

ސައުތްގޭޓް ބުނީ އެންމެފަހުން ބަލިވި ޕެނަލްޓީ ޝޫޓްއައުޓަށް ފަހު ރަނގަޅު ކުރަންޖެހޭ ކަންކަން ފާހަގަކުރެވި އެ ކަންކަން ރަނގަޅު ކުރަން މަސައްކަތްކޮށްފައިވާނެ ކަމަށެވެ. އަދި ޕެނަލްޓީ އަށް ތައްޔާރުވުމުގެ މަރުހަލާއާ މެދު ހިތްހަމަޖެހޭ ކަމަށާއި ޕެނަލްޓީ ޖަހާނެ ކުޅުންތެރިން ނިންމާނީ އެވަގުތު ދަނޑުމަތީގައި ތިބޭ ކުޅުންތެރިންނަށް ބެލުމަށްފަހު ކަމަށްވެސް އިންގްލެންޑްގެ ކޯޗު ބުންޏެވެ.

އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ސެމީފައިނަލަށް އިންގްލެންޑް ދަތުރުކުރިއިރު މިފަހަރުގެ މުބާރާތުގެ ދެވަނަ ބުރަށް އެޓީމު ދަތުރުކުރީ މެޗަކުން ބަލިނުވެ ގްރޫޕް ބީ ގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އަދި ސެނެގާލް ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ.

އިންގްލެންޑް އާއި ސެނެގާލް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.