އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީގެ މަޝްރޫއު ކުރިއައްދާ ސްޕީޑާއި މެދު ކަންބޮޑުވާ ކަމަށް އައްޑޫ ޑިވެލޮޕްމަންޓް ކޮމެޓީ (އޭޑީސީ)އިން ބުނެފި އެވެ.
ހުޅުމީދޫގައި "އައްސޭރި ޓޫރިޒަމް" ފެށުމަށްޓަކައި ކޮންސެޕްޓް ތައްޔާރު ކުރުމަށް ބޭއްވި ބައްދަލުވުމަށް ފަހު އޭޑީސީގެ ޗެއާމަން އިބްރާހިމް ހަމީދު ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމެއް ބައިެވރިންގެ ފަރާތުން އައީ ގަމުގެ ވައިގެ ބަނދަރު ތަރައްޤީގެ ސްޕީޑާއި މެދު ކަމަށެވެ.

"އަޅުގަނޑުމެންގެ ހުރިހާ މެމްބަރުންގެ ވެސް އެންމެ ބޮޑު ކަންބޮޑު ވުމަކީ އެއާޕޯޓް މަޝްރޫއުގެ ސްޕީޑް، ގިނަ ބަޔަކަށް ގަބޫލެއް ނުކުރެވޭ އެމަސައްކަތް އަވަސް ސްޕީޑެއްގައި ނިންމޭނެކަމަށް" ހަމީދު ވިދާޅުވިއެވެ.
ގަމުގެ އެއާޕޯޓް ތަރައްޤީ އާއި ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް އެނގޭބަޔަކު ނެތެވެ.

ހަމީދު ވިދާޅުވީ އެސްޓިއޯގެ ކޮންމެވެސް މީހަކު އައްޑޫ އެއާޕޯޓް މަޝްރޫއުގެ އިސް މީހަކަށް އައްޔަން ކޮށްފައި ހުންނަ ވާހަކަ އަޑު އިވޭ ކަމަށެވެ. ނަމަވެސް އެއީ ކާކު ކަމެއް، ކުރަނީ ކޮންކަމެއްކަން އެގޭނެ ގޮތެއް ނެތް ކަމަށެވެ.
ގަމުގެ ވައިގެ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނީގެ އޮފީހެއް ވަނީ މާލޭގައި ހުޅުވާފައެވެ. އަދި އެއޮފީހުން ކުރާ މަސައްކަތެއްވެސް ނޭގޭ ކަމަށެވެ.
އައްސޭރި ޓޫރިޒަމާއި ގުޅޭ ގޮތުން ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ބުނީ އެއާޕޯޓްގެ މަސައްކަތް ހުރި ގޮތުން އައްޑޫގައި އެއްވެސް ޓޫރިޒަމް ހަރަކާތެއް ހިންގަން ފަސޭހަ ނުވާނެކަމަށެވެ.
ގަމުގެ އެއާޕޯޓްގެ ރަންވޭ ދިގުކުރުމަށް ބޭނުންވާ ބިން ވަނީ ހިއްކާ ނިމިފައެވެ.
ހަމީދު ވިދާޅުވީ ގަމުގެ ވައިގެ ބަނދަރު ތަރައްޤީ ކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭތަނެއް ނުފެނޭކަމަށެވެ. އޭގެ އެއް ހެއްކަކީ މަސައްކަތް ކުރިއަށްދާ ގޮތާއި ބެހޭ މައުލޫމާތު އާއްމުންނާއި ހިއްސާ ނުކުރުމެވެ.
ގަމުގެ އެއާޕޯޓް ތަރައްޤީގެ މަޝްރުއުވަނީ ދެބަޔަކަށް ބަހާލާފައެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ރަންވޭ ދިގުކޮށް، ސީ ޕްލޭން ބޭސް ހެދުމާއި އެ ނޫން ވެސް ވަސީލަތްތައް ގާއިމު ކުރަން ބޭނުންވާ ބިން ދާދި ފަހުން ވަނީ ހިއްކައި ނިންމައިފަ އެވެ. ދުބާއީގެ ގަލްފް ކޮބްލާއާ ހަވާލުކުރި ބިން ހިއްކުމުގެ މަސައްކަތަށް 11.7 މިލިއަން ޑޮލަރު ހަރަދުވެފައިވެ އެވެ.
ގަން އެއާޕޯޓް މިހާރު ހިންގާ އޭއައިއޭއަކީ އެސްޓީއޯ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަދި ގަން އެއާޕޯޓް ކޮމްޕެނީ (ޖީއޭސީއެލް) ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ. އަދި އެ ކުންފުނީގެ 30 ޕަސެންޓް ހިއްސާ އޮންނަނީ ޗަމްޕާ ހުސައިން އަފީފުގެ ކާސާ ހޯލްޑިން އަށް ވިއްކާލައިފަ އެވެ.