އެއް ދުވަހުން އެންމެ ގިނަ މަސް ކިރުވުމުގެ ރެކޯޑް ގދ. ފަރެސްމާތޮޑާ "ބާހިރާ" މަސްދޯނިން ހޯދައިފި އެވެ.
މިފްކޯ އިން ބުނީ އެ ދޯނިން އިއްޔެ އެކަނި ޖުމްލަ 58.6 ޓަނުގެ މަސް ކޫއްޑު އަށް ކިރުވައި، މަސްވެރިކަމުގެ އާ ރިކޯޑެއް ހަދާފައިވާ ކަމަށެވެ. އަދި ރެކޯޑް އަދަދަށް ކިރުވި މަހަށް "ބާހިރާ" އަށް 996،034ރ. ގެ އާމްދަނީއެއް ލިބިފއިވެ އެވެ.
ކުރިން އެއް ދުވަހުގެ މަސް ކިރުވައިގެން އެންމެ ބޮޑު އާމްދަނީއެއް ހޯދި ދޯނީގެ ރެކޯޑް އޮތީ މަޑަވެލީގެ "ޓީއެސް ލައިން" ދޯންޏަށެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ މަހުގެ 29 ގައި އެ ދޯނިން ކޫއްޑު އަށް ކިރުވި 57.1 ޓަނު މަހަށް 971،584ރ. ލިބިފައިވެ އެވެ.
"ބާހިރާ" ދޯންޏަކީ ކުރިން ވެސް މަސް ކިރުވައިގެން އެއް ދުވަހުން ބޮޑު އާމްދަނީއެއް ހޯދާފައިވާ ދޯންޏެކެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު މަހުގެ 26 ގައި އެ ދޯނިން 51.9 ޓަނުގެ މަސް ކޫއްޑޫ އަށް ކިރާފައިވެ އެވެ. އެ މަހަށްވާ ޖުމްލަ 882،674ރ. ލިބުނެވެ.
"ބާހިރާ" އަކީ ރާއްޖޭގައި މިހާރު މަސްވެރިކަންކުރާ ދޯނިތަކުގެ ތެރެއިން އެންމެ ބޮޑު އެއް ދޯންޏެވެ. އޭގައި 37 މީހުން އުޅެ އެވެ.
އެ ދޯނީން ހޯދި ރެކޯޑަށް މިފްކޯ އިން ވަނީ މަރުހަބާ ވެސް ކިޔައިފަ އެވެ.