ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވެންޑޯސްކީ އަކީ ނުރައްކާތެރި ކުޅުންތެރިއެއް ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް ބުނެފި އެވެ.
ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި މިރޭ ފްރާންސް އާއި ޕޮލެންޑް ބައްދަލުކުރާއިރު މި މުބާރާތުގައި ލެވެންޑޯސްކީ އަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ ގޯލެކެވެ. އެއީ ލެވެންޑޯސްކީގެ ކެރިއަރުގައި ވޯލްޑް ކަޕްގައި ކާމިޔާބުކުރި ފުރަތަމަ ގޯލް ވެސް މެ އެވެ.
މިރޭގެ މެޗުގެކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ޑެޝޯމްޕް ބުނީ ލެވެންޑޯސްކީ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ފޯވާޑް ކަމަށާއި އޭނާ އަކީ ކޮންމެ ފަދަ ވަގުތެއްގައި ވެސް ތަފާތު ދައްކާލާނެ ކުޅުންތެރިއެއް ކަމަށެވެ.

އެގޮތުން މިފަދަ ކުޅުންތެރިއަކާ ދެކޮޅަށް ކުޅޭއިރު ވީހާވެސް މަދުން އޭނާ އަށް ބޯޅަ ލިބޭގޮތް ހަދަންޖެހޭނެ ކަމަށާއި އެކަން ކުރެވިއްޖެނަމަ މެޗުގެ ތެރޭގައި އޭނާ އަށް ކުރެވޭނެ ކަންކަން ވެސް މަދުވާނެ ކަމަށް ކޯޗު ބުންޏެވެ.
"ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި މާގިނަ ބޯޅަތަކެއް ލެވެންޑޯސްކީ އަކަށް ނުލިބޭ. އެކަމަކު ލިބޭ އެންމެ ފުރުސަތަކުން ވެސް އޭނާގެ ނުރައްކާ ބޮޑުވާނެ." ޑެޝޯމްޕް ބުންޏެވެ.
ޑެޝޯމްޕް ބުނީ ހަމައެކަނި ލެވެންޑޯސްކީ އަށް ފޯކަސް ކުރުމަކީ ގޯހެއް ކަމަށާއި އެހެން ކުޅުންތެރިންނާ މެދު ވެސް ވިސްނުން ގެންގުޅެންޖެހޭނެ ކަމަށެވެ. އަދި ފްރާންސުން ލެވެންޑޯސްކީއާ މެދު ވިސްނާ ގޮތަށް ޕޮލެންޑުން ވެސް ފްރާންސްގައި ތިބި މޮޅެތި ކުޅުންތެރިންނާ މެދު ވިސްނުން ގެންގުޅޭނެ ކަމަށްވެސް އޭނާ ބުންޏެވެ.
ދުނިޔޭގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ފްރާންސް ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ޕޮލެންޑް ހަނިގޮތަކަށް ދެވަނަ ބުރުން ޖާގަ ހޯދީ ގްރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ.
ޕޮލެންޑާއި ފްރާންސް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 8 ޖަހާއިރު އެވެ.