އިންޑިއާގެ ޓީވީ ތަރިން ކަމަށްވާ އަޕޫރްވާ އަގްނިހޯތުރީ އާއި ޝިލްޕާ ސަކްލާނީގެ ކައިވެންޏަށް 18 އަހަރު ފަހުން ދަރިއަކު ލިބިއްޖެ އެވެ.
އެ ދެމަފިރިންނަށް ދަރިއަކު ލިބުނު ވާހަކަ ވީޑިއޯއަކާ އެކީ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ. އަންހެން ދަރިފުޅަށް ދީފައިވާ ނަމަކީ އިޝާނީ ކާނޫ އަގްނިހޯތުރީ އެވެ. އަޕޫރްވާ، 50، އާއި ޝިލްޕާ، 40، ކައިވެނިކުރީ 2004 ގަ އެވެ.
އަޕޫރްވާ އަކީ ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަގުބޫލު ސިލްސިލާ "އަނޫޕަމާ" ގައި މިދިޔަ އަހަރު ޑރ. އަދުވައިތު ކަންނާގެ ރޯލު ކުޅުނު އެކްޓަރެވެ. އޭނަ މިހާތަނަށް ވަރަށް ގިނަ ސިލްސިލާތަކުގައި މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ސޮނީ ޓީވީގެ "ޖެސީ ޖެއިސީ ކޮއީ ނެހީ" އާއި "އާސްމާން ސޭ އާގޭ" އަދި "މޭރީ ދުރުގާ" ހިމެނެ އެވެ.
އަޕޫރްވާ ސިލްސިލާތަކުން ފެންނަން ފެށުމުގެ ކުރިން ބޮލީވުޑްގެ ބައެއް ފިލްމުތަކުން ވެސް ކުޅުނެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ ޝާހްރުކް ޚާނާއި މަހީމާ ޗައުދަރީގެ 1997 ގެ "ޕަރުދޭސް" އެވެ. އޭގެ ފަހުން އަޕޫރްވާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ހަމް ހޯ ގަޔޭ އާޕް ކޭ"، "ކަސޫރު" އަދި "ޕިޔާރު ދީވާނާ ހޯތާ ހޭ" ހިމެނެ އެވެ.
އޭނަގެ އަންހެނުން ޝިލްޕާ ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ" އާއި "ކުސުމް" އާއި "އޭކް ހަޒާރޯ މޭ މޭރީ ބެހެނާ ހޭ" އަދި "ކަރީލޭ" ހިމެނެ އެވެ. އޭނަ އެންމެ ފަހުން ކުޅުނު ސިލްސިލާ އަކީ 2018-2019 އަށް ގެނެސްދިން ކަލާޒްގެ "ވިޝް ޔާ އަމްރިތު: ސިތާރާ" އެވެ.