Last Updated: June 14, 20:24
Sunday, June 14, 2026
ޚަބަރު

ސްރީ ލަންކަން އިން ގަމަށް އުދުހޭތާ 6 އަހަރު

ސްރީ ލަންކާ އެއާލައިންސުން އައްޑޫ ގަމަށް ދަތުރުތައް ބާއްވާތާ ހަ އަހަރު ފުރުމާ ގުޅިގެން އެކަން ފާހަގަކޮށްފި އެވެ.

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި އިއްޔެ ބޭއްވި ކުޑަ ހަފުލާއެއްގައި ވަނީ ހަ އަހަރު ފުރުން ފާހަގަ ކުރަން ކޭކެއް ފަޅައިފަ އެވެ. އެ ހަފުލާގައި ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) ގެ ބައެއް އިސްވެރިިންނާއި އިއްޔެ ކަމަށް އޮތް ސްރީ ލަންކާ އެއާލައިންސް ދަތުރުގެ ކްރޫންނާއި އެ އެއާލައިންސްގެ އިސް އޮފިޝަލުންތަކެއް ވެސް ބައިވެރިވި އެވެ.

ރާއްޖޭގެ އެންމެ ދެކުނުގައި އޮތް ގަން އެއާޕޯޓަށް ސްރީ ލަންކަން އެއާލައިންސް އިން ދަތުރުތައް ފެށީ ޑިސެމްބަރު 1، 2016 ގަ އެވެ.

މި އެއާލައިނަކީ މި ވަގުތު އެ އެއާޕޯޓަށް ހަމައެކަނި ޝެޑިއުލް ދަތުރު ބާއްވާ އެެއާލައިންނެވެ. މިހާރު ހަފުތާއަކު ތިން ދުވަހު ސްރީ ލަންކަން އެއާލައިންސް އުދުހެ އެވެ. މި އެއާލައިންގެ ސަބަބުން އައްޑު އަށް އަންނަ ޓޫރިސްޓުން އިތުރުވުމާއި ވިޔަފާވެރި އއާއި އެހެން ބޭނުންތަކަށް ބޭރަށް ދަތުރުކުރާ އައްޑޫ ރައްޔިތުންގެ އިރުރު އެންމެ ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ބޮޑު ފަސޭހަ ކަމެއް ލިބިފައިވެ އެވެ.

ނަމަވެސް މީގެ ދެ އަހަރު ކުރިން ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ސްރީ ލަންކަންގެ ދަތުރުތައް ވެސް ގަމަށް 2020 ގެ ކުރީކޮޅު ދަތުރުތައް މެދުކެނޑުނެވެ. އޭގެ ފަހުން އަލުން ދަތުރައް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ގަ އެވެ.

ސްރީ ލަންކަން އެއާލައިންސްގެ ރާއްޖޭގެ އޭޖެންޓަކީ އޭސް ޓްރެވެލްސް އެވެ.

އަންނަ އަހަރުގެ ފެބްރުއަރީ 4 ގައި ގަމަށް ފްލައި ދުބާއީގެ ޝެޑިއުލް ދަތުރުތައް ފެށުމަށް ވެސް މިހާރު އަންނަނީ ތައްޔާރީތައްވަމުންނެވެ.

ގަމަށް ކުރިން ވެސް ބޭރުގެ ބައެއް އެއާލައިންތަކުން ޝެޑިއުލް ދަތުރުތަކާއި ޗާޓަރު ދަތުރުތަކެއް ބޭއްވި އެވެ. އެ އެއާޕޯޓަކީ ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓްތައް ޖައްސާ ތަނެކެވެ.