ވައްކަމާއި ހުއްދަ ނޫން ތަންތަނަށް ވަނުމުގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކެއްގައި މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ހައްޔަކުރި މީހަކު 59 ވަނަ ފަހަރަށް ހައްޔަރުކޮށްފި އެވެ.
އައްޑޫ ފޭދު އަށް ނިސްބަތްވާ 40 އަހަރުގެ އެ މީހާ މި ފަހަރު ހައްޔަރުކުރީ ތިޖޫރީއެއް ފަޅަން އުޅެނިކޮށެވެ. ކޯސްޓް ލައިން ކުންފުނީގެ އޮފީހުން އޭނާ އަތުލައި ގަނެ، ހައްޔަރުކޮށް ބަންދަށް ޖެހި ފުރަތަމަ ފަސް ދުވަސް ހަމަވުމާ ގުޅިގެން، ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ބަންދަށް އިތުރު 45 ދުވަސް ޖަހައިފަ އެވެ.
އެ ކޯޓުން ބުނި ގޮތުގައި އެ މީހާ ކުރިން 58 ފަހަރު ހައްޔަރުކޮށްފައިވާ އިރު، އޭގެ ތެރެއިން 19 ފަހަރު ބަންދުގެ މުއްދަތު އިތުރު ވެސް ކުރި އެވެ.
ކޯސްޓް ލައިން އޮފީހުގެ ތިޖޫރީ ފަޅާލަން އުޅުނު މައްސަލަ އިތުރަށް ތަހުގީކުރަމުން އަންނަ އިރު، އެ މީހާ ބުނީ އޭނަ އަކީ މަގުމަތީގައި ދިރިއުޅޭ މީހެއް ކަމަށާއި އެތަނަށް ވަނީ ގުދަނެއް ކަމަށް ހީކޮށް ނިދަން ކަމަށެވެ. ފުލުހުންނަށް މައްސަލަ ކޯސްޓް ލައިންގެ މުވައްފަކު މައްސަލަ ރިޕޯޓްކުރީ އެތަނުގެ ތިޖޫރީގައި ތަޅާ އަޑުއިވުމުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.