ފިރިމީހާ އަދި މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަންއާ އެކު ކޮމެޑީ ފިލްމެއް ކުޅުމުގެ އަމިއްލަ ވިސްނުމެއް ނެތް ކަމަށް ބަތަލާ ކާޖޮލް ބުނެފި އެވެ.
މި މަހުގެ 9 ގައި ރިލީޒްކުރާ އޭނަގެ އާ ފިލްމު "ސަަލާން ވެންކީ" ގެ ޕްރޮމޯޝަންގެ ތެރެއިން ޕިންކްލްވިލާ އަށް ދިން އިންޓަވިއުއެއްގައި ހުނަރުވެރި، ކާމިޔާބު ބަތަލާ ބުނީ ދެމަފިރިން އެކީގައި ކޮމެޑީއެއްގައި މަސައްކަތްކުރުމަކީ އެއް އިރެއްގައި ވެސް ވިސްނުމެއް ނޫން ކަމަށެވެ.
"އަހަރެމެން ދެ މީހުން އަމިއްލަ އަށް ބޭނުންވެގެން އެކަން ކުރާ ކަހަލަ ވިސްނުމެއް ނެތް. އެހެންވީމަ އެކަހަލަ އޮފާއެއް އަންނަން ވާނީ ތިން ވަނަ ފަރާތަކުން." ދެ ކުދިންގެ މަންމަ ބުންޏެވެ.
އަޖޭއާ އެކު ޑައިރެކްޓަރު ރޯހިތު ޝެޓީ ގެނެސްދޭ ކޮމެޑީ ފްރެންޗައިޒް "ގޯލްމާލް" ގެ ފިލްމަކުން ފެނިދާނެތޯ އެހުމުން ކާޖޮލް ބުނީ އެ ވާހަކަ ޖެހޭނީ ގޯޕާލްގެ ގާތުން އަހާލަން ކަމަށެވެ. ގޯޕާލަކީ އެ ސީރީޒްގައި އަޖޭ ކުޅެމުން އަންނަ ކެރެކްޓާގެ ނަމެވެ. ރޯހިތު މިހާތަނަށް ހެދި ގިނަ ފިލްމުތައް ކުޅުނީ ރަހުމަތްތެރިޔާ އަޖޭ ނަމަވެސް، ރޯހިތާ އެކީ ކާޖޮލް މިހާތަނަށް މަސައްކަތްކުރީ އެންމެ ފިލްމެއްގަ އެވެ. އެއީ ޝާހްރުކް ޚާނާ އެކީ ކުޅުނު 2015 ގެ "ދިލްވާލޭ" އެވެ.
ކާޖޮލް ބުނީ އަޖޭއާ އެކީ މަސައްކަތްކުރުމަކީ ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ. އެކަމަކު އެފަދަ ޕްރޮޖެކްޓެއް ވާން ޖެހޭނީ ދެ މީހުންނަށް ވެސް ގަބޫލުކުރެވޭ ވަރުގެ އެއްޗަކަށް ކަމަށް ބުންޏެވެ. އެ ދެ މީހުން އެކީގައި އެންމެ ފަހުން ކުޅުނީ އަޖޭ އަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ދެވަނަ ފަހަރަށް ލިބުނު 2020 ގެ "ތާނާޖީ: ދި އަންސަންގް ވޮރިއާ" އެވެ.
އަޖޭ އާއި ކާޖޮލްގެ ޖޯޑު ފެނިގެން ދިޔަ ފިލްމުތަކުގެ ތެރޭގައި "އިޝްގް"، "ހަލްޗަލް"، "ޕިޔާރު ތޯ ހޯނާ ހިތާ"، "ދިލް ކިޔާ ކަރޭ"، "ރާޖޫ ޗާޗާ" އަދި އަޖޭ ޑައިރެކްޓް ވެސް ކުރި "ޔޫ، މީ އޯރް ހަމް" އެވެ.