Last Updated: June 10, 00:02
Wednesday, June 10, 2026
ޚަބަރު

އިއްޔަ އެންމެ ގިނައިން ވާރޭވެހުނީ ދަރަވަންދޫއަށް

ފޮޓޯ: އައްޑޫލައިވް

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައިގައި އިއްޔަ އެންމެ ގިނައިން ވާރޭވެހިފައިވަނީ ބ. ދަރަވަންދޫއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.

މެޓް އޮފީހުން ބުނެފައިވަނީ ވޭތުވެރިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނުކަމަށް ރެކޯޑް ކުރެވިފައިވަނީ ބ. ދަރަވަންދޫއަށް ކަމަށެވެ. އެގޮތުން އެ ރަށަށް 58 މިލިމީޓަރުގެ ވާރޭވެހުނުކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.

މީގެއިތުރުން މާމިނގިއްޔަށް 14.5 މިލިމީޓަރުގެ ވާރޭ އަދި ކ. ގާފަރަށް 13.3 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބ. މާޅޮހުގައި ފެންބޮޑުވެ، ފެން ހިއްކުމުގައި އެމްއެންޑީއެފްގެ ސިފައިންވެސް ވަނީ ހަރަކާތްތެރިވެފައެވެ.

ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެފައިވާއިރު މިހާރުވެސް ބޮޑު ބަޔަކަށް އޮތީ ވައިޓް އެލާޓް ނެރެފައެވެ. އެގޮތުން ހއ. އަތޮޅުން ވަ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ ހެނދުނު 06:00 އިން 11:00 އާ ހަމައަށެވެ.