Last Updated: July 27, 18:03
Tuesday, July 28, 2026
މުނިފޫހިފިލުވުން

ކަރަން މަރުވާން އުޅުނު ކަމަށް ތުހުމަތުކޮށްފި!

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރް ބަނގުރޫޓްވެގެން ދާދި ފަހުން އަމިއްލަ އަށް މަރުވާން އުޅުނު ކަމަށް ބޮލީވުޑްގެ މީހުންނަށް ފާޑުކިޔާ އެކްޓަރު ކަމާލް އާރް ޚާން (ކޭއާރްކޭ) ބުނެފި އެވެ.

އަބަދު ވެސް ސާބިތު ނުހިފޭ ވާހަކަތައް ފިލްމީ ދާއިރާގެ މީހުންނާ ބެހޭ ގޮތުން ދައްކަން އާދަވެފައިވާ ފަންނާނު ކުރި ޓްވީޓެއްގައި ބުނީ އެނގިފައިވާ ގޮތުގައި މީގެ ދުވަސްކޮޅެއް ކުރިން ކަރަން އަމިއްލަ އަށް ގޭގައި މަރުވާން އުޅުނު ކަމަށެވެ. އަދި އެއީ އޮގަސްޓްގައި އޭނަގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދިން ފިލްމު "ބުރައްމަސްތުރާ" އިން ލިބުނު ބޮޑު ގެއްލުމާ ހެދި ކަމަށް ވެސް ބުނެފައިވެ އެވެ.

ކޭއާރްކޭގެ ޓްވީޓްގައި ބުނީ މިކަމާ ހެދި އެންމެ ފަހުން ކަރަން އަށް 300 ކްރޯޑް ރުޕީސް (37 މިލިއަން ޑޮލަރު) ގެ ލޯނެއްދީ އޭނަ މަރުން ސަލާމަތްކުރީ އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީ ކަމަށެވެ. އެކަމަކު ސުވާލަކީ "ބުރައްމަސްތުރާ" އާ ހެދި ބަނގުރޫޓްވި ވާހަކަ ކަރަން ހާމަނުކޮށްގެން އުޅެނީ ކީއްވެތޯ ސުވާލު އުފައްދާފައިވެ އެވެ.

ފެންޓަސީ-އެކްޝަން އެޑްވެންޗާއެއްގެ ގޮތުގައި ގެނެސްދިން "ބުރައްމަސްތުރާ" އަކީ ރަންބީރް ކަޕޫރާއި އާލިއާ ބަޓް ލީޑް ރޯލު ކުޅުނު ފިލްމެކެވެ. ގާތްގަނޑަކަށް 400 ކްރޯޑް ރުޕީސް (49.3 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި ލިބުނީ 431 ކްރޯޑް ރުޕީސް (53 މިލިއަން ޑޮލަރު) ގެ އާމްދަނީއެކެވެ.

"ބުރައްމަސްތުރާ: ޕާޓް ވަން-ޝިވާ" އަކީ ޑައިރެކްޓަރު އަޔާން މުކަރްޖީ ގެނެސްދޭން ނިންމާފައި އޮތް ޓްރިލޮޖީގެ ފުރަތަމަ ބައެވެ.

ކަރަން އަމިއްލަ އަށް މަރުވާން އުޅުނު ކަމަށް ބުނެ ކޭއާރްކޭ ދެއްކި ވާހަކަތަކާ ގުޅިގެން ވަރަށް ގިނަ ބަޔަކު އޭނަގެ ޓްވީޓަށް ރައްދުޔ ދީފައިވެ އެވެ. މީގެ ކުރިން ވެސް ކަރަންއާ ބެހޭ ގޮތުން ކޭއާރްކޭ ދޮގު ވާހަކަތަކެއް ދައްކާފައިވެ އެވެ. އެގޮތުން އޮކްޓޯބަރު 28، 2016 ގައި ރިލީޒްކުރި ކަރަންގެ "އޭ ދިލް ހޭ މުޝްކިލް" އާ އެއް ދުވަހެއްގައި އަޖޭ ދޭވްގަން ކުޅެ، ޑައިރެކްޓްކުރި ދެވަނަ ފިލްމު "ޝިވާއޭ" ގެ ވިޔަފާރި ހަލާކުކުރުމަށްޓަކައި އޭގެ ނެގަޓިވް ރިވިއުތަކެއް ގެނެސްދޭން ކަރަން ލާރިގަނޑެއް ދިން ކަމަށް ބުނެ ދޮގު ހަދާފައިވެ އެވެ.

އެ މައްސަލާގައި ކަރަންގެ ވަރަށް ގާތް އެކުވެރިއެއްގެ ގޮތުގައި ހުރި ބަތަލާ އަދި އަޖޭގެ އަންހެނުން ކާޖޮލްއާ ދެމެދު ކުނިޖެހި އެކުވެރިކަމަށް ބުރޫ އެރި އެވެ. އަދި އެ ގުޅުން ފަހުން ރަނގަޅުވީ ކޭއާރްކޭ ހެދީ ދޮގުކަން ޔަގީންވުމުންނެވެ.