Last Updated: June 14, 20:24
Sunday, June 14, 2026
ޚަބަރު

ސަރުކާރުގެ ނުފޫޒާ ހެދި ޖުޑިޝަރީ ބިރަކަށްވެއްޖެ

ސަރުކާރުގެ ނުފޫޒު ޝަރުއީ ދާއިރާ އަށް ބޮޑުވެ، އެކަން މިހާރު އާންމުންނަށް ވެސް ބިރަކަށް ވެސް ވެއްޖެ ކަމަށް މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕިއެންސީ އަށް ނިސްބަތްވާ ކުރީގެ ޑިފެންސް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަނޑިޔާރުން ހުކުމްކުރަންވީ ގޮތުގެ އެސްއޯޕީއެއް ވެސް މިހާރު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަދަން ޖެހޭ ހިސާބަށް ކަންތައް ގޮސްފައިވާ ކަމަށެވެ. އަދި އެފަދ އުސޫލެއް ނަހަދާ ނަމަ ފަނޑިޔާރުންނާ ގުޅޭ ގޮތުން ފެންމަތިކުރާ ސުލޫކީ މައްސަލަތައް މަދެއް ވެސް ނުވާނެ ކަމަށް ވިދާޅުވެ، އާދަމް ޝަރީފް ޖޭއެސްސީ އަށް ފާޑު ވިދާޅުވި އެވެ.


"ފަނޑިޔާރުންނަށް ވިޔަފާރި ކުރެވޭނެ ފިހާރަ އާއި ކައިވެނި ކުރެވޭނެ މީހުންނާއި ލާން ޖެހޭ ހެދުމުގެ ކުލަ އަދި ހުކުމްކުރަން ޖެހޭ ގޮތުގެ އެސްއޯޕީއެއް ޖޭއެސްސީން އާންމު ނުކުރާހާ ހިނދަކު ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް މަދެއް ނުވާނެ." އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ އެގޮތަށް ވިދާޅުވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމާފައިވާތީ އެވެ. އެފަދަ މައްސަލައެއް ބަލަން ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގުޅޭ މައްސަލައެއްގެ އަޑުއެފުން ސުޕްރީމް ކޯޓުގައި ބޭއްވި ދުވަހެއްގައި މެންދުރުގެ ފަރިއްކޮޅު ފޮނުވީ މަހާޒް ކަމަށް ތުހުމަތުކުރެވޭތީ ކަމަށް ބުނެފައިވެ އެވެ.