ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެޗް.ޑީ.ސީގެ އިންސްޕެކްޓަރުންނާއި ސުޕަވައިޒަރުންނަށް ހާއްސަ ޓްރޭނިންގ ސެޝަނެއް ފަށައިފިއެވެ.
އެޗްޑީސީން ބުނެފައިވަނީ އެ ކުންފުނިން މިހާރު ދެމުން ގެންދާ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅު ކުރެވި، ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރުމަށް އެޗް.ޑީ.ސީ އާ ނެޝަނަލް ކޮލެޖް ފޯ ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ގުޅިގެން ކުރިއަށްގެންދާ ހާއްސަ ޓްރޭނިންގ ޕްރޮގްރާމަކީ 8 ދުވަހަށް ކުރައަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
މި ތަމްރީން ޕްރޮގްރާމްގައި ރަށުތެރެ ބެލެހެއްޓުމުގައި ގެންގުޅެން ޖެހޭ އެއްމެ ރަނގަޅު ގޮތްތަކާއި، މުއާމަލާތު ކުރުން، މައްސަލަތައް ހައްލު ކުރުން، ސެލްފް ޑިފެންސް އަދި ޤާނޫނުތަކާއި ޤަވައިދުތަކަށް ބައިވެރިން އަހުލުވެރި ކުރުމަށް ސެޝަންތައް ކުރިއަށް ދާނެއެވެ.
އެޗް.ޑީ.ސީން ބުނެފައިވަނީ އެކުންފުނީގެ މެންޑޭޓްގެ ތެރޭގައި ހުޅުމާލެ ބެލެހެއްޓުން ހިމެނޭއިރު، ރައްޔިތުންނަށް ދޭ ހިދުމަތްތަކާއި ކުންފުންޏާއި ރައްޔިތުންނާއި އޮންނަ ގުޅުން އިތުރަށް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭކަމަށެވެެ.