މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ނެޓްވޯކެއް އަތުލައިގެންފިއެެވެ.
އެގޮތުން ފުލުހުން ވަނީ ހަ މީހަކު ހައްޔަރުކޮށްފައެވެ.
މި މީހުންގެ ބަންދު މުއްދަތު ޖެހުމަށް އިއްޔަ ކޯޓަށް ގެންދިއުމުން ކްރިމިނަލް ކޯޓުން ވަނީ އެ މީހުންގެ ބަންދު ޖަހައިދީފައެވެ.
އެމީހުންގެ ކޯޓު އަމުރުތަކުގައި ބުނެފައިވަނީ އެމީހުން "ތުހުމަތު ކުރެވޭ ކުށުގެ އަމަލު ހިންގާފައިވަނީ، ގިނަ އިންތިޒާމުތަކެއް ރޭވިފައިވާ ނެޓްވޯކެއްގެ ތެރެއިން ކަމަށް ފާހަގަކުރެވޭ" ކަމަށެވެ.
ފުލުހުން ކޯޓުގައި ބުނެފައިވަނީ އިންޓެލިޖެންސް މައުލޫމާތު ލިބިގެން ބަލައިފާސްކުރެވުނު ތަންތަނުން އެކި ގޮތްގޮތަށް ޕެކް ކުރެވިފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި ބަލައިފާސްކުރެވުނު ތަންތަނުން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށެވެ. ބަލައިފާސްކުރެވުނު ބައެއް ތަންތަނުން މަސްތުވާތަކެތި ޕެކްކުރުމަށް ބޭނުންކުރާ މެޝިންތަކާއި ސެލޯފިން އާއި ކައްޓާ ފެނިފައިވާ ކަމަށެވެ.
މިމައްސަލައިގައި ހައްޔަރުކުރެވުނު އުމުރުން 30 އަހަރުގެ މީހަކު ވަނީ މިމައްސަލައިގައި ފެނިފައިވާ މަސްތުވާތަކެއްޗާއި ފައިސާއަކީ އޭނާގެ ތަކެތި ކަމަށް ބަންދު އަޑުއެހުމުގައި އިއުތިރާފުވެފައެވެ. އެހެންކަމުން އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
މިމައްސަލައިގައި ހައްޔަރު ކުރި 28 އަހަރު މީހާއާއި 37 އަހަރުގެ މީހާގެ ބަންދަށް ވަނީ 25 ދުވަސް ދީފައެވެ. އަދި 39 އަހަރުގެ މީހާ، 47 އަހަރުގެ މީހާ އަދި 36 އަހަރުގެ މީހާގެ ބަންދަށް 30 ދުވަސް ދީފައިވެއެވެ.
މިމައްސަލައިގައި އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ އަދަދެއް އަދި ފައިސާގެ މިންވަރެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.