Last Updated: June 10, 00:02
Wednesday, June 10, 2026
ޚަބަރު

ދެ ކޯޓަކަށް ފަނޑިޔާރުން އައްޔަންކޮށްފި

ފޮޓޯ: ޖޭއެސްސީ

ދެ މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން އައްޔަނުކޮށްފިއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ފަނޑިޔާރުން އައްޔަނު ކޮށްފައިވަނީ ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށާއި ށ.ފުނަދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ޢައްޔަނު ކޮށްފައިވަނީ މ.ވޭވަށް، ކޯނަރ، އަލްއުސްތާޛު ޔާސިރު މުޙައްމަދެވެ. އަދި ށ.ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް އައްޔަނު ކޮށްފައިވަނީ ރ. މަޑުއްވަރީ، ރުވާގުގެ، އަލްއުސްތާޛު އިބްރާހިމް ނަޢީމްއެވެ.

މި ދެބޭފުޅުން މަގާމަށް އައްޔަނުކޮށްފައިވަނީ މިއަދު ޖޭއެސްސީގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އަލްއުސްތާޛު ޔާސިރު މުޙައްމަދު ވަނީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ ޙާސިލް ކުރައްވާފައެވެ. އަދި 3 އަހަރު ދުވަހު ޝަރުޢީ ދާއިރާއަށް ޙިދުމަތްކޮށްދެއްވާ، 2019 ފެބްރުއަރީ 11އިން ފެށިގެން ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަގާމް އަދާކުރައްވާފައިވެއެވެ.

އަލްއުސްތާޛު އިބްރާހިމް ނަޢީމް ވަނީ ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ ޙާސިލްކުރައްވާ، ވިލާ ކޮލެޖުން މާސްޓަރ އޮފް ޝަރިޢާ އެންޑް ލޯ ޙާސިލް ކުރައްވާފައެވެ. އަދި 5 އަހަރު ދުވަހުގެ މުއްދަތަކަށް ޝަރުޢީ ދާއިރާއަށް ޙިދުމަތްކޮށްދެއްވާ 2021 އޮގަސްޓް އިން ފެށިގެން ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަގާމް ވަނީ އަދާކުރައްވާފައެވެ.