އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރާ ބައެއް ލޯނުތަކަށް އެދުމުގެ ފުރުސަތު ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
އެސްޑީއެފްސީން ބުނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ކުންފުނިން ދޫކުރާ ބައެއް ލޯނުތަކަށް އެދުމުގެ ފުރުސަތު ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. އެ ފުރުސަތު އަލުން ހުޅުވާލާނީ އަންނަ މަހުގެ 31 ވަނަ ދުވަހު ކަމަށް ބުންޏެވެ.
ނަމަވެސް ދަނޑުވެރި ނަފާ ލޯނާއި ކަނޑުފަޅު ނަފާ ލޯނާއި، ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ދޫކުރާ ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެސްޑީއެފްސީން ބުނެ އެވެ.
އެސްޑީއެފްސީން ބުނީ، އެހެން ލޯނުތަކަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަތުން ހުއްޓާލި ނަމަވެސް މިހާރު ހުށަހަޅާފައި ހުރި ފޯމުތަކަށް ލޯނު ދޫކުރުން ކުރިއަށްދާނެ ކަމަށެވެ.
އެސްޑީއެފްސީއަކީ މި ސަރުކާރުގެ އެއް ވަޢުދުކަމުގައިވާ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ޤާއިމްކުރެވިފައިވާ ކުންފުންޏެކެވެ.