ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި މާދަމާ ރޭ ދެކުނު ކޮރެޔާއާ ދެކޮޅަށް ކުޅޭ މެޗަށް ބްރެޒިލްގެ ފޯވާޑް ނޭމާ ފިޓްވެއްޖެ އެވެ.
ނޭމާގެ ފަޔަށް އަނިޔާވީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި 2-0 އިން ސާބިޔާ އަތުން ބްރެޒިލް މޮޅުވި މެޗުގަ އެވެ. އެ އަނިޔާގެ ސަބަބުން ގްރޫޕްގެ ފަހު ދެ މެޗުގައި ނޭމާ ކުޅެފައެއް ނުވެ އެވެ. ނަމަވެސް ނޭމާ ވަނީ އިއްޔެ ބްރެޒިލް އިން ބޭއްވި ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ.
ކޮރެޔާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބްރެޒިލްގެ ކޯޗު ޓީޓޭ ބުނީ ނޭމާ މިހާރު ހުރީ ފިޓްކޮށް ކަމަށާއި މިއަދު ބާއްވާ ފަރިތަކުރުންތައް މައްސަލައެއް ދިމާ ނުވެ ނިންމާލައިފިނަމަ މާދަމާގެ މެޗުގެ ފުރަތަމަ އެގާރަ އަށް ނޭމާ އަރުވާނެ ކަމަށެވެ.
"އަހަރެން ބޭނުން ވަނީ އެންމެ ބަރާބަރު އެގާރަ އެންމެ ފުރަތަމަ މިނެޓުން ފެށިގެން ވެސް ކުޅުވަން." ޓީޓޭ ބުންޏެވެ.
I feel good, I knew that I would now
✋🏽😜🤚🏽 pic.twitter.com/LpJ3BZJaU9— Neymar Jr (@neymarjr) December 3, 2022
މާދަމާ ރޭގެ މެޗަށް ނޭމާ ފިޓްވިއިރު އަނިޔާގެ ސަބަބުން ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސެސް އަދި އެޓީމުގެ ފުލްބެކް އެލެކްސް ޓެލެސް އަށް މިހާރު ވަނީ މުބާރާތް ނިމިފަ އެވެ.
ފާއިތުވި އަހަރުތަކުގައި އަނިޔާގެ ގިނަ މައްސަލަތަކަކާ ނޭމާ ކުރިމަތިލާން ޖެހިފައިވެ އެވެ. އެގޮތުން އަނިޔާގެ ސަބަބުން ނޭމާ އަށް 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީފައިނަލްގައި ނުކުޅެވުނުއިރު އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގައި އޭނާ ކުޅުނީ މުޅިން ފިޓްކޮށް ހުރެއެއް ނޫނެވެ.
ވޯލްޑް ކަޕާ ނޭމާ މިފަހަރު ކުރިމަތިލީ ރަނގަޅު ފޯމެއްގައި ހުރެ އެވެ. އެގޮތުން ޕީއެސްޖީ އަށް މި ސީޒަނުގައި ކުޅެދިން 20 މެޗުގައި އޭނާ ވަނީ 15 ގޯލް ކާމިޔާބުކޮށްފަ އެވެ.