ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގެ ކުޅުން ފަށާފައިވާއިރު މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފްރާންސް އާއި ޕޮލެންޑެވެ.
ފްރާންސް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ގްރޫޕް ޑީ ގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ފްރާންސް މޮޅުވިއިރު އަނެއް މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ. ޕޮލެންޑް ދެވަނަ ބުރުން ޖާގަ ހޯދީ ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ގްރޫޕް ސީ ގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕް ސްޓޭޖުގައި ޕޮލެންޑް ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވިއިރު އަނެއް މެޗުން ބަލިވެ، އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ވޯލްޑް ކަޕްގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ފްރާންސް އިން ވަނީ އެންމެފަހުން ވާދަކުރި ތިން ވޯލްޑް ކަޕްގެ ތެރެއިން ދެ ވޯލްޑް ކަޕެއްގެ ކުއާޓާފައިނަލަށް ދަތުރުކޮށްފަ އެވެ. ކުއާޓާ އަށް ނުގޮސް އެޓީމު އެންމެފަހުން މުބާރާތުން ކެޓީ 2010 ވަނަ އަހަރު އެވެ. ފުރަތަމަ އެގާރަ އަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ކުޅުނު ގްރޫޕްގެ ފަހު މެޗުން ފްރާންސް ބަލިވި ނަމަވެސް މިރޭގެ މެޗަށް ނިކުންނައިރު އެޓީމު އޮތީ އިތުބާރާއެކު އެވެ. މިރޭގެ މެޗުން މޮޅުވެ ކުއާޓާ އަށް ދެވިއްޖެ ނަމަ އެއީ ވޯލްޑް ކަޕް ދިފާއުކުރުމަށް ފްރާންސުން ކުރާ މަސައްކަތަށް އެޅޭ މުހިއްމު ފިޔަވަޅަކަށް ވާނެ އެވެ.
އެންމެފަހުން ޕޮލެންޑުން ވާދަކުރި ހަތަރު ވޯލްޑް ކަޕްގައި ވެސް އެޓީމަށް ކުއާޓާފައިނަލާ ހިސާބަށް ދެވިފައެއް ނުވެ އެވެ. ޕޮލެންޑަށް އެންމެފަހުން ދެވަނަ ބުރު ފަހަނައަޅާ ދެވިފައިވަނީ 1982 ވަނަ އަހަރު އެވެ. ޕޮލެންޑްގެ ކުރީގައި މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ފޯވާޑް ކަމަށްވާ ރޮބަޓް ލެވެންޑޯސްކީ ހުރިއިރު މި މުބާރާތުގައި އެޓީމުގެ ފަރާތުން މާ ރަނގަޅު އެޓޭކިން ކުޅުމެއް މިހާތަނަށް ފެނިފައެއް ނުވެ އެވެ. އެގޮތުން މުބާރާތުގައި މިހާތަނަށް ޕޮލެންޑަށް ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ފަސް ހަމަލާ ކަމަށްވާއިރު މިރޭ ވެސް ޕޮލެންޑުގެ ފަރާތުން ފެންނާނީ ވަރަށް ޑިފެންސިވް ކުޅުމެއް ކަމަށް ބެލެވެ އެވެ. ގްރޫޕްގެ ފަހު މެޗުގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗެކޭ އެއްގޮތަށް މިރޭގެ މެޗުގައި ވެސް ފްރާންސްގެ އެޓޭކުތައް ހުއްޓުވަން ވެގެންދާނީ ޕޮލެންޑަށް ކުރިމަތިވާނެ ގޮންޖެހުމަކަށެވެ.
ފްރާންސް
ޕޮލެންޑާއި ދެކޮޅަށް ފްރާންސުން އެންމެފަހުން ކުޅުނު ހަތް މެޗުން ވެސް އެޓީމު ބަލިވެފައެއް ނުވެ އެވެ. އެ ހަތް މެޗުގެ ތެރެއިން ތިން މެޗުން ފްރާންސް މޮޅުވެފައިވާއިރު ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ޕޮލެންޑާއި ދެކޮޅަށް ފްރާންސް މިރޭ ކުޅޭ މެޗު ވެގެންދާނީ ވޯލްޑް ކަޕްގެ އެންމެފަހުގެ ޗެމްޕިއަނުންގެ ގޮތުގައި އޮވެ އެޓީމުން މުބާރާތުގެ ނޮކައުޓް ބުރުގައި ކުޅޭ ފުރަތަމަ މެޗަށެވެ.
މި މެޗަށް ނިކުންނައިރު ފްރާންސް ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތެވެ.
ޕޮލެންޑް
މިއި 1986 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި ޕޮލެންޑުން ކުޅޭ ފުރަތަމަ މެޗެވެ. އެންމެފަހުން ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި ޕޮލެންޑް ކުޅުނު މެޗުގައި އެޓީމު ވަނީ ބްރެޒިލް އަތުން 4-0 އިން ބަލިވެފަ އެވެ.
މިރޭގެ މެޗު ވެގެންދާނީ ވޯލްޑް ކަޕްގެ އެންމެފަހުގެ ޗެމްޕިއަނަކާ ދެކޮޅަށް ޕޮލެންޑުން ކުޅޭ ތިންވަނަ މެޗަށެވެ. އެގޮތުން އެންމެފަހުން ކުޅުނު އެފަދަ ދެ މެޗުން ވެސް ޕޮލެންޑް ބަލިވެފައެއް ނުވެ އެވެ.
މި މެޗަށް ނިކުންނައިރު ޕޮލެންޑް ޓީމުގައި ވެސް އަނިޔާގެ އެއްވެސް މައްސަލައެއް ނެތެވެ.
ދެ ޓީމުގެ ކުރިމަތިލުންތައް
ޕޮލެންޑާއި ފްރާންސް މީގެކުރިން ވަނީ 16 ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. އޭގެތެރެއިން 8 މެޗުން ފްރާންސް މޮޅުވިއިރު ޕޮލެންޑް މޮޅުވީ ތިން މެޗުންނެވެ. މި ދެ ޓީމު އެންމެފަހުން ބައްދަލުކޮށްފައިވަނީ 2011 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގަ އެވެ. އެ މެޗު 1-0 އިން ކާމިޔާބުކުރީ ފްރާންސުންނެވެ.
ފްރާންސް އާއި ޕޮލެންޑް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 8 ޖަހާއިރު އެވެ.