ފީފާ ވޯލްޑް ކަޕްގައި މިރޭ ޕޮލެންޑް 3-1 އިން ބަލިކުރުމަށްފަހު މުބާރާތުގެ ކުއާޓާފައިނަލަށް ފްރާންސް ދަތުރުކޮށްފި އެވެ.
މިރޭގެ މެޗު ހާއްސަވެފައިވަނީ ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑް އަށެވެ. އޭނާ މި މެޗުގައި ޖެހި ގޯލާ އެކު ވަނީ ފްރާންސަށް އެންމެ ގިނަ ގޯލް ޖަހައިގެން ތިއެރީ އޮންރީ ހަދާފައިވާ ރެކޯޑް މުގުރާލާފަ އެވެ. މި މެޗުގައި ޖެހި ގޯލާއެކު ޖިރޫޑް ފްރާންސްގެ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ގޯލުގެ އަދަދު ވަނީ 52 އަށް އަރާފަ އެވެ.
މިއީ މުބާރާތުގެ ކުއާޓާފައިނަލަށް ފްރާންސް ޖެހިޖެހިގެން ދަތުރުކުރި ތިންވަނަ ފަހަރެވެ. ކުއާޓާފައި ފްރާންސް ބައްދަލުކުރާނީ މިރޭ އިންގްލެންޑް އާއި ސެނެގާލް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.
ގަތަރުގެ އަލް ތުމާމާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ފްރާންސުން ކުޅުނުއިރު މެޗުގެ 38 ވަނަ މިނެޓްގައި ޕޮލެންޑަށް ވަނީ ލީޑު ނަގަން ރަނގަޅު ދެ ފުރުސަތެއް ކައިރިކައިރީގައި ލިބިގެން ގޮސްފަ އެވެ. އެގޮތުން ފްރާންސްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބެރެޒެންސްކީ ފޮނުވާލި ހަމަލާ ފްރާންސްގެ ކީޕަރު ހޫގޯ ލޮރިސް ދިފާއުކުރިއިރު ކަމިންސްކީ ފޮނުވާލި ހަމަލާ ފްރާންސްގެ ގޯލުގެ ހުރަސް ރޮގުމަތިން ދިފާއުކުރީ އެޓީމުގެ ޑިފެންޑަރު ރަފޭލް ވަރާން އެވެ.
މި ފުރުސަތުގެ ބޭނުން ޕޮލެންޑަށް ނުހިފުނު އިރު މެޗުގެ 44 ވަނަ މިނެޓްގައި ކިލިއަން އެމްބާޕޭ ދިން ޕާހަކުން ޖިރޫޑް ވަނީ ފްރާންސަށް ލީޑު ނަގާދީފަ އެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި ޖިރޫޑް ކާމިޔާބުކުރި ތިންވަނަ ގޯލެވެ.
ދެވަނަ ހާފް ޑޮމިނޭޓްކޮށްގެން ފްރާންސުން ކުޅުނުއިރު މި ހާފުގައި ވެސް އެޓީމުން ދިޔައީ ފްރާންސްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 74 ވަނަ މިނެޓްގައި އެމްބާޕޭ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ފްރާންސްގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ. އެމްބާޕޭ މި ގޯލް ކާމިޔާބުކުރީ ޕޮލެންޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ. އަދި މެޗުގެ 90 ވަނަ މިނެޓްގައި ފްރާންސްގެ ތިންވަނަ ގޯލް ވެސް ކާމިޔާބުކޮށްދިނީ އެމްބާޕޭ ކަމަށްވާއިރު މި ގޯލް އޭނާ ކާމިޔާބުކުރީ ޕޮލެންޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.
މިއީ މި މުބާރާތުގައި އެމްބާޕޭ ކާމިޔާބުކުރި ފަސްވަނަ ގޯލު ކަމަށްވާއިރު އޭނާ އަކީ މިފަހަރުގެ ވޯލްޑް ކަޕްގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ ވެސް މެ އެވެ.
މި މެޗުގައި ޕޮލެންޑުން ޖެހި ހަމައެކަނި ގޯލް މެޗުގެ ފަހު ވަގުތުކޮޅުތެރޭ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ރޮބަޓް ލެވެންޑޯސްކީ އެވެ. މި ޕެނަލްޓީ ޕޮލެންޑަށް ލިބުނީ ފްރާންސްގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެންނެވެ.