Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

މެޗު ޕްރިވިއު: އިންގްލެންޑް-ސެނެގާލް

ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގެ ކުޅުން ފަށާފައިވާއިރު މިރޭގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އިންގްލެންޑް އާއި ސެނެގާލް އެވެ.

އިންގްލެންޑް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު ގްރޫޕް ބީ ގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން އިންގްލެންޑް މޮޅުވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. ސެނެގާލް ދެވަނަ ބުރުން ޖާގަ ހޯދީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ގްރޫޕް އޭ ގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕް ސްޓޭޖުގައި ސެނެގާލް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވިއިރު އަނެއް މެޗުން ވަނީ ބަލިވެފަ އެވެ.

އެންމެފަހުން ވޯލްޑް ކަޕްގައި ވާދަކުރި ހަތަރު ފަހަރުގެ ތެރެއިން އިންގްލެންޑަށް މުބާރާތުގެ ކުއާޓާ އަށް ދެވިފައިވަނީ އެންމެ ފަހަރަކު އެވެ. އެންމެފަހުން އިންގްލެންޑް މުބާރާތުގެ ކުއާޓާ އަށް ދަތުރުކުރީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކަމަށްވާއިރު އެފަހަރު އެޓީމުން ވަނީ މުބާރާތުގެ ހަތަރުވަނަ ހޯދާފަ އެވެ. ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި އެމެރިކާއާ ދެކޮޅަށް ދަށް ކުޅުމެއް އިންގްލެންޑްގެ ފަރާތުންް ފެނުނު ނަމަވެސް އެޓީމުން ގްރޫޕް ސްޓޭޖް ނިންމާލީ މޮޅެއް ކުޅެ، ބޮޑު ހޯދައިގެން އިތުބާރާއެކު އެވެ. މުބާރާތުގެ ކުއާޓާ އަށް ދިޔުމަށް އެފްރިކާގެ ޗެމްޕިއަނުންނާއި ދެކޮޅަށް އެފަދަ ކުޅުމެއް ތަކުރާރު ކުރަންޖެހެ އެވެ.

ސެނެގާލް އަށް މުބާރާތުގެ ކުއާޓާފައިނަލަށް އެންމެފަހުން ދަތުރުކުރެވިފައިވަނީ 2002 ވަނަ އަހަރު އެވެ. އެއީ ސެނެގާލް ވޯލްޑް ކަޕެއްގައި ކުޅުނު ފުރަތަމަ މުބާރާތް ވެސް މެ އެވެ. މިފަހަރުގެ މުބާރާތާއި ކުރިމަތިލިއިރު ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ އަށް އަނިޔާވުމަކީ އެޓީމަށް ލިބުނު ގެއްލުމެކެވެ. ނަމަވެސް މާނޭ ނެތަސް ސެނެގާލް އިން ވަނީ ގްރޫޕް ސްޓޭޖުގައި އެޓީމުގެ ފެެންވަރު ދައްކާލައި ދެވަނަ ބުރުން ޖާގަ ހޯދާފަ އެވެ. ސެނެގާލް އަކީ ޑިފެންސިވް ސިސްޓަމަކަށް ކުޅޭ ޓީމަކަށްވާއިރު އިންގްލެންޑްގެ ކުރީގައި ހަރަކާތްތެރިވާ ކުޅުންތެރިން ހުއްޓުވުމަކީ ކުއާޓާ އަށް ދިޔުމަށް ސެނެގާލް މިރޭ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ.

އިންގްލެންޑް

ވޯލްޑް ކަޕްގައި އެންމެފަހުން އެފްރިކާގެ ޓީމުތަކާ ދެކޮޅަށް ކުޅުނު ހަތް މެޗުން ވެސް އިންގްލެންޑް ބަލިވެފައެއް ނުވެ އެވެ. އެ ހަތް މެޗުގެ ތެރެއިން ހަތަރު މެޗުން އިންގްލެންޑް މޮޅުވިއިރު އަނެއް ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ. އަދި އިންގްލެންޑްގެ ތާރީހުގައި ވެސް މިހާތަނަށް އެފްރިކާގެ ޓީމެއް އަތުން ބަލިވެފައެއް ވެސް ނުވެ އެވެ.

ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި އެންމެފަހުން އިންގްލެންޑް ކުޅުނު ހަތް މެޗުގެ ތެރެއިން އެޓީމު ބަލިވެފައިވަނީ އެންމެ ދެ މެޗުންނެވެ. އިންގްލެންޑް ބަލިވީ 2010 ވަނަ އަހަރު ޖަރުމަނު އަތުންނާއި 1998 ވަނަ އަހަރު އާޖެންޓީނާ އަތުންނެވެ.

މިރޭގެ މެޗަށް ނިކުންނައިރު އިންގްލެންޑްގެ ސްކޮޑުން މަދުވާ ހަމައެކަނި ކުޅުންތެރިއަކީ ބެން ވައިޓް އެވެ. އާއިލީ ސަބަބުތަކާ ގުޅިގެން ބެން ވައިޓް ވަނީ އިންގްލެންޑް ކޭމްޕް ދޫކޮށް އެނބުރި ގައުމަށް ގޮސްފަ އެވެ.

ސެނެގާލް

ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި ޔޫރަޕްގެ ޓީމުތަކާ ދެކޮޅަށް އެންމެފަހުން ކުޅުނު 9 މެޗުގެ ތެރެއިން 8 މެޗުން އެފްރިކާގެ ޓީމުތައް ވަނީ ބަލިވެފަ އެވެ. އެންމެފަހުން ނޮކައުޓް ބުރުގެ މެޗެއްގައި ޔޫރަޕްގެ ޓީމެއްގެ މައްޗަށް ކުރި ހޯދި އެފްރިކާގެ ޓީމަކީ ވެސް ސެނެގާލް އެވެ. 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސެނެގާލް ކުރި ހޯދީ ސްވިޑެންގެ މައްޗަށް 2-1 އިންނެވެ.

ވޯލްޑް ކަޕްގައި އެންމެފަހުން ސެނެގާލް ކުޅުނު 10 މެޗުގައި ވެސް އެޓީމު ކޮޅަށް ގޯލު ވަދެފައިވެ އެވެ. ގޯލެއް ނުވަދެ ވޯލްޑް ކަޕް މެޗެއް ސެނެގާލުން އެންމެފަހުން ނިންމާލީ 2002 ވަނަ އަހަރު އެވެ. އެފަހަރު ސެނެގާލް އިން ވަނީ 1-0 އިން ފްރާންސް ބަލިކޮށްފަ އެވެ.

މިރޭގެ މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ސެނެގާލްގެ މިޑްފީލްޑަރު އިދްރިސާ ގާނާ ގުއޭ އަށް ނުކުޅެވޭނެ އެވެ.

ދެ ޓީމުގެ ކުރިމަތިލުންތައް

މިއީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ސެނެގާލް އާއި އިންގްލެންޑް ބައްދަލުކުރާ ފުރަތަމަ މެޗެވެ.

އިންގްލެންޑް އާއި ސެނެގާލް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.