Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

ފެންވަރު ދައްކާލައި އިންގްލެންޑް ކުއާޓާ އަށް

ސެނެގާލް 3-0 އިން ބަލިކުރުމަށްފަހު ފީފާ ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް އިންގްލެންޑް ދަތުރުކޮށްފި އެވެ.

މިއީ މުބާރާތުގެ ކުއާޓާފައިނަލަށް އިންގްލެންޑް ޖެހިޖެހިގެން ދަތުރުކުރި ދެވަނަ ފަހަރެވެ. ކުއާޓާގައި އިންގްލެންޑް ބައްދަލުކުރާނީ އެންމެފަހުގެ ޗެމްޕިއަން ފްރާންސްއާ އެވެ.

ގަތަރުގެ އަލް ބައިތް ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގައި ގޯލްޖަހާނެ ރަނގަޅު ފުރަތަމަ ފުރުސަތު ލިބުނީ ސެނެގާލް އަށެވެ. އެގޮތުން އިންގްލެންޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ސެނެގާލްގެ އިސްމާއިލާ ސާ ފޮނުވާލި އެ ހަމަލާ ދިފާއުކުރީ އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް އެވެ.

މި ފުރުސަތުގެ ބޭނުން ސެނެގާލް އަށް ނުހިފުނުއިރު މެޗުގެ 38 ވަނަ މިނެޓްގައި ޖޯޑަން ހެންޑަސަން ވަނީ އިންގްލެންޑަށް ލީޑު ނަގާދީފަ އެވެ. ހެންޑަސަން މި ގޯލް ކާމިޔާބުކުރީ އިންގްލެންޑުން އުފެއްދި ކައުންޓަ އެޓޭކެއްގައި ޖޫޑް ބެލިންހަމް ދިން ޕާހަކުން ފޮނުވާލި ހަމަލާއަކުންނެވެ.

މި ގޯލަށްފަހު ވެސް އިންގްލެންޑުން ދިޔައީ ސެނެގާލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ފުރަތަމަ ހާފް ފަހު ވަގުތުކޮޅުތެރޭ ހެރީ ކޭން ވަނީ އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ. އިންގްލެންޑުން އުފެއްދި ކައުންޓަ އެޓޭކެއްގައި މި ގޯލް ކޭން ކާމިޔާބުކުރީ ލޫކް ޝޯ ހުސްކޮށްލާފައި ދިން ޕާހަކުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް އިންގްލެންޑުން ނިންމާލިއިރު މެޗުގެ 57 ވަނަ މިނެޓްގައި ބުކާޔޯ ސަކާ ވަނީ އިންގްލެންޑުންގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދީ އެޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ. ސަކާގެ މި ގޯލަކީ ފިލް ފޮޑެން ނަގައިދިން ހުރަހަކުން ސެނެގާލްގެ ކީޕަރު ބޯމަތިން ބޯޅަ ކުރިއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ދެވަނަ ހާފް ޑޮމިނޭޓްކޮށްގެން އިންގްލެންޑުން ކުޅުނުއިރު ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ވެސް އެޓީމަށް މި ހާފުގައި ލިބި ބޭކާރުވެފައިވެ އެވެ.

މުބާރާތުގެ ދެވަނަ ބުރުގައި އިންގްލެންޑް އާއި ފްރާންސް ކުޅޭ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރެ އެވެ.