ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ފުޓްބޯޅަ އަށް ވުރެ ބޮޑަށް ސިޔާސީ ކަންކަމަށް ފޯކަސް ކުރި ޓީމުތައް ދިޔައީ ދަށްކޮށް ކަމަށް ފީފާގެ އިސް މަގާމެއްގައި މިވަގުތު ހުރި އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ވިދާޅުވެއްޖެ އެވެ.
ވެންގާ މިހެން ވިދާޅުވިއިރު ވޯލްޑް ކަޕްގައި ޔޫރަޕްގެ ހަތް ޓީމަކުން "ވަންލަވް" ރެއިންބޯ ކެޕްޓަން ބޭންޑް ބޭނުން ކުރުމަށް ނިންމި އެވެ. ނަމަވެސް ފީފާ އިން ދީފާނެ އަދަބެއްގެ ސަބަބުން އެޓީމުތަކުން ފަހުން ވަނީ އެ ބޭންޑް ނާޅަން ނިންމާފަ އެވެ. އެ ބޭންޑް ނޭޅޭތީ ޖަރުމަނުން ވަނީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗު ފެށުމުގެ ކުރިން ވަނީ އަނގަމަތީގައި އަތް އަޅައިގެން ތިބެ ހަޅުތާލުކޮށްފަ އެވެ. އެ މެޗުން ޖަރުމަނު ވަނީ ޖަޕާން އަތުން 2-1 އިން ބަލިވެފަ އެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ވެސް ޖަރުމަނު ކެޓިއިރު ގަތަރުގައި ވޯލްޑް ކަޕް ބާއްވާތީ އެކަމާ ނުރުހުން ފާޅުކުރި އެއް ގައުމު ކަމަށްވާ ޑެންމާކް ވެސް މުބާރާތް ނިންމާލީ ގްރޫޕް ސްޓޭޖާ ހިސާބުންނެވެ.
ފީފާގެ ގްލޯބަލް ފުޓްބޯޅަ ޑިވްލޮޕްމެންޓްގެ އިސްވެރިޔާގެ މަގާމު އަދާކުރަމުންދާ ވެންގާ ވިދާޅުވީ ވޯލްޑް ކަޕަށް ދާއިރު އަބަދުވެސް މުބާރާތުގެ ފުރަތަމަ މެޗުން ބަލިނުވެ ހިފެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އެގޮތުން މި ކަންކަމުގެ ތަޖުރިބާ ހުރި ޓީމުތައް ކަމަށްވާ ފްރާންސް، އިންގްލެންޑް އަދި ބްރެޒިލް ފަދަ ޓީމުތަކުން ފުރަތަމަ މެޗުގައި ރަނގަޅަށް ކުޅުނު ކަމަށެވެ.
"އޭގެ އިތުރަށް ސިޔާސީ އެކި ކަންކަމުގެ ބަދަލުގައި ހުރިހާ ގޮތަކުން ވެސް މުބާރާތަށް ފޯކަސްކޮށްގެން ކުޅުނު ޓީމުތަކުގެ ނަތީޖާތައް ވެސް ރަނގަޅު." ވެންގާ ބުންޏެވެ.
ޓީމުތަކުން އަމިއްލަ އަށް ޑިޒައިންކޮށްފައިވާ އާމްބޭންޑް ވޯލްޑް ކަޕްގައި އެޅުމަކީ ފީފާގެ ގަވާއިދު ތަންދޭ ކަމެއް ނޫނެވެ. އެކަން ކުރުމަށް ފީފާ އިން ހާއްސަ ހުއްދައެއް ނަގަންޖެހެ އެވެ.
މި ކެޕްޓަން ބޭންޑް ޔޫރަޕްގެ ބައެއް ގައުމުތަކުން އެޅުމަށް ނިންމީ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ހައްގުތަކާއި މެދު ގަތަރުން ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. ބޭންޑް އަޅަން ނިންމި ހަތް ޓީމަކީ އިންގްލެންޑް، ވޭލްސް، ބެލްޖިއަމް، ޑެންމާކް، ނެދަލޭންޑްސް، ޖަރުމަނު އަދި ސްވިޒަލޭންޑެވެ.
އެއް ޖިންސުން ގުޅުން ހިންގުމަކީ ހައްގެއް ކަމަށް ބުނެ ވޯލްޑް ކަޕްގައި ވާދަކުރާ ބައެއް ޓީމުތަަކުން ފީފާއާ ދެކޮޅަށް ނިކުމެފައިވާއިރު އެއް ޖިންސުން ގުޅުން ހިންގުމާއި އެކަމަށް ހިތްވަަރު ދިނުމަކީ ގަތަރުގެ ގާނޫނުތަކުން މަނާ ކަމެކެވެ.