ދެކުނު ކޮރެޔާ އިން ބޭނުން ވަނީ ބްރެޒިލްގެ ފޯވާޑް ނޭމާ ނެތި އެޓީމާ ދެކޮޅަށް ކުޅެން ކަމަށް ކޮރެޔާގެ ކޯޗު ޕައުލޯ ބެންޓޯ ބުނެފި އެވެ.
ނޭމާގެ ފަޔަށް އަނިޔާވީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި 2-0 އިން ސާބިޔާ އަތުން ބްރެޒިލް މޮޅުވި މެޗުގަ އެވެ. އެ އަނިޔާގެ ސަބަބުން ގްރޫޕްގެ ފަހު ދެ މެޗުގައި ނޭމާ ކުޅެފައެއް ނުވެ އެވެ. ނަމަވެސް ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި މިރޭ ކޮރެޔާއާ ދެކޮޅަށް ބްރެޒިލުން ކުޅޭ މެޗަށް ނޭމާ ވަނީ ފިޓްވެފަ އެވެ.
ކޮރެޔާގެ ކޯޗު ބެންޓޯ ބުނީ ނޭމާ ހުރެގެން ބްރެޒިލްއާ ދެކޮޅަށް ކުޅެން ބޭނުންވާ ކަމަށް ބުނުން ވެގެންދާނީ ދޮގަކަށް ކަމަށާއި ބޭނުމީ ނޭމާ ނެތި އެޓީމާ ދެކޮޅަށް ކުޅެން ކަމަށެވެ. ނަމަވެސް އަބަދުވެސް އެންމެ މޮޅެތި ކުޅުންތެރިން ދަނޑު މަތީގައި ތިބެން ބޭނުންވާ ކަމަށާއި ނޭމާ އެރުވުމާ މެދު ގޮތެއް ނިންމާނީ ބްރެޒިލްގެ ކޯޗު ބެންޓޯ ބުންޏެވެ.
ބެންޓޯ ބުނީ ނޭމާގެ އިތުރުން ވެސް ބްރެޒިލް އަށް ގިނަ ތަރިންތަކެއް ކުޅެން އެރުވެން އެބައޮތް ކަމަށާއި ނަމަވެސް މެޗެއްގައި ކޮންމެ ޓީމަކަށް ވެސް ފުރުސަތު އޮންނާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި މިރޭގެ މެޗުން ކޮރެޔާ އަށް ގެއްލޭނެ އެއްޗެއް ނެތް ކަމަށާއި މިއީ އުނދަގޫ މެޗަކަށްވީ ނަމަވެސް ކޮރެޔާ އަކީ އެންމެފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރާނެ ޓީމެއްކަން މުޅި ދުނިޔެ އަށް ދައްކައިދޭން ބޭނުންވާ ކަމަށްވެސް ކޯޗު ބުންޏެވެ.
މިރޭގެ މެޗަށް ނޭމާ ފިޓްވިއިރު އަނިޔާގެ ސަބަބުން ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސެސް އަދި އެޓީމުގެ ފުލްބެކް އެލެކްސް ޓެލެސް އަށް މިހާރު ވަނީ މުބާރާތް ނިމިފަ އެވެ.
ބްރެޒިލް އާއި ކޮރެޔާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.