ފެނަކައި ކުންފުނީގެ މުވައްޒަފުން ކުރަން ޖެހޭ މަސައްކަތްތައް ރަސްމީ ގަޑީގައި ނިންމައި އިތުރު ގަޑީގައި ހުއްދަ ލިބިގެން ނޫނީ މަސައްކަތް ނުކުރަން އަންގައިފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ސޮއިކުރައްވައި، މުވައްޒަފުންނަށް އިއްޔެ ފޮނުއްވި ސާކިއުލާއެއްގައި ބުނީ ވަކި ގޮތެއް އަންގަންދެން ދުވަހުން ދުވަހަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ރަސްމީ ގަޑީގައި ނިންމުމަށް އަންގާ ކަމަށެވެ. ފެނަކައިގެ ރަސްމީ ގަޑިއަކީ ހެނދުނު 8:00 އިން މެންދުރު ފަހު 3:00 އެވެ. އަދި އޭގެ ފަހުން އޭގެ ފަހުން ކުންފުނީގެ ބްރާންޗުތަކާއި ޑިޕާޓްމަންޓްތަކުން ނުވަތަ މުވައްޒަފުން މަސައްކަތްކުރާ ނަމަ، އެކަން ކުރެވޭނީ ހާއްސަ ހުއްދައެއް ލިބިގެން ކަމަށް ސާކިއުލާގައި ބުންޏެވެ.
ފެނަކަ އިން ބުނި ގޮތުގައި މިކަމަކީ މުވައްޒަފުން ކުރަން ޖެހޭ މަސައްކަތްތައް ރަސްމީ ގަޑީގައި ކޮށް ނިންމުމަށް ހިތްވަރުދީ އެކަމަށް ބާރު އެޅުމުގެ ގޮތުން އެންގި އެންގުމެކެވެ.
ފެނަކަ އަކީ ރާއްޖޭގައި ކަރަންޓާއި ފެނަކާއި ނަރުދަމާގެ ހިދުމަތް އެންމެ ފުޅާކޮށް ދޭ ސަރުކާރު ހިއްސާވާ އެއް ކުންފުންޏެވެ. އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު 3،000 އަށް ވުރެ ގިނަ އެވެ.