Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

އިރާނުން މޮރާލިޓީ ޕޮލިސް އުވާލާނެ: އޭޖީ

އަންހެނުން އިސްލާމީ އުސޫލުތަކާ އެއްގޮތަށް ހެދުން އަޅާތޯ ބެލުން ފަދަ ދީނާ ގުޅުން ހުރި ކަންކަމަށް ހާއްސަ މޮރާލިޓީ ޕޮލިސް އިރާންގައި މިހާރު އުވައިލަން ނިންމާފައިވާ ކަމަށް އެ ގައުމުގެ އެޓާނީ ޖެނެރަލް މުހައްމަދު ޖައްފާރު މޮންތަޒޭރީ ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ދީނީ ކޮންފަރަސެންގައި ކުރެވުނު ސުވާލަކާ ގުޅިގެން އޭނާ ވިދާޅުވީ މޯރަލިޓީ ޕޮލިސް އުވައިލަން އިންޓިއާރިއާ މިނިސްޓްރީގެ ނިންމާފައިވާ ކަމަށާއި އެއީ އެ މިނިސްޓްރީގެ ދަށުގައި އޮތް ކަމެއް ކަމަށެވެ.

"އެހެންވީމަ މިކަމަކާ ޖުޑިޝަރީއާ ވެސް އެއްވެސް ގުޅުމެއް ނެތް." މޮންތަޒޭރީ ވިދާޅުވި އެވެ.

އޭނާ ވަނީ އަންހެނުން ބުރުގާ އެޅުން ލާޒިމުކުރާ ގާނޫނު އިރާންގެ ގާނޫނު ހަދާ މަޖިލީހުން މުރާޖައާ ކުރަން ވެސް ގޮވާލައްވައިފަ އެވެ.

މޮރާލިޓީ ޕޮލިސް އުވައިލަން ނިންމި ކަމަށް އެޓާނީ ޖެނެރަލް ވިދާޅުވި ނަމަވެސް އިރާންގެ ކަމާބެހޭ އެހެން އެއްވެސް އިދާރާއަކުން އަދި އެކަން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި އިރާނީ އިސްމާލީ ހަރުކަށި އުސޫލުތަކެއް ގެންގުޅޭ ގައުމެކެވެ.

އިރާންގެ އުސޫލުތަކާ ހިލާފަށް ހެދުން އެޅި ކަމަށް ބުނެ މަހްސާ އަމީނީ ކިޔާ 22 އަހަރުގެ ޒުވާނަކު ހައްޔަރުކޮށް، މޮރާލިޓީ ފުލުހުންގެ ފަރާތުން އޭނަ އަށް ލިބުނު އަނިޔާތަކާ ގުޅިގެން ސެޕްޓެމްބަރު މަހުގެ 16 ގައި މަރުވުމުން އިރާންގައި ދަނީ ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރަތަކެއް ކުރަމުންނެވެ.

މި މުޒާހަރާތަކުގައި މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، އެތައް ބަޔަކު ހައްޔަރުކޮށް ތަފާތު ދައުވާތައް އުފުލާފައިވެ އެވެ.