ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ދެ މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަ ބެލުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ނިންމައިފިއެވެ.
ޖޭއެސްސީން ސުލޫކީ މައްސަލަ ބެލުމަށް ނިންމާފައިވަނީ ސ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުހައްމަދު ހާޝިމް އާއި ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ތާހިރުގެއެވެ.
ޖޭއެސްސީން ބުނެފައިވަނީ ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި މައްސަލައަކަށްފަހު އެ ނިންމުމާ ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު ރަފީއުއްދީން އަހުމަދު އަމަލުކޮށްފައިވާކަމަށް ބެލެވޭތީ ތަހުޤީޤު ކުރަން ފެށި މައްސަލައިގެ ތަހުޤީޤުގެ ތެރެއިން އިސްމެޖިސްޓްރޭޓް މުހައްމަދު ހާޝިމް އާއި މެޖިސްޓްރޭޓް ޒިޔާދާ ތާހިރުވެސް މި ތުހުމަތުގައި ސުލޫކީ މިންގަނޑާ ޚިލާފަށް އަމަލުކޮށްފައިވާކަމަށް ބެލެވޭ ކަމަށެވެ.
އެހެންކަމުން އެ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.