Last Updated: June 29, 13:53
Monday, June 29, 2026
ޚަބަރު

އެކްސިޑެންޓްވި ހިތަދޫ މީހަކު ސީރިއަސް ހާލަތުގައި

ފުވައްމުލަކުގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންގެ ތެރެއިން ނަޒީފް ހޮސްޕިޓަލަށް ގެންދަނީ: މި އެކްސިޑެންޓުގައި ބޮޑުވަރުވީ ނަޒީފަށް.---ފޮޓޯ: ކިޔުންތެރިއެއް

މިރޭ 9:00 ޖަހާކަށް ހާއިރު ފުވައްމުލަކު ޢާޒީ މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހިތަދޫ މީހަކު ސީރިއަސް އަނިޔާތަކެއްވެ ފުވައްމުލަކު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަދެ އެވެ.

ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު ބުނީ އެކްސިޑެންޓްގައި ބޯފަޅައިގެން ގޮސް ސީރިއަސް ހާލަތުގައި އޮތީ ހިތަދޫ ގުލްކަނދުގޭ، ހަސަން ނަޒީފު،24، އެވެ. އޭނާގެ އަނގައާއި، ކަންފަތާއި، ނޭފަތުން ލޭފައިބާއިރު އޭނާ ހެއެއް ނެތެވެ.

މި އެކްސިޑެންޓްގައި ދެން ފަރުވާ ދެމުން ދަނީ ފުވައްމުލަކު، ކާމިނީގޭ، އިބްރާހިމް ސޮބާހު 34އަށެވެ. އޭނާގެ ބޮލަށްވެސް ވަނީ ސީރިއަސް ގެއްލުންތަކެއް ވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްގައި އަނިޔާވި ދެމީހުން އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.