މާލޭގެ ބޮޑުތަކުރުފާނު މަގުގައި އިންދާފައިވާ ކަދުރު ރުއްތަކުގެ ބުޑުތަކުގައި ޑިޖިޓަލް ބޯޑު ހަރުކޮށް، އެތަކެތި މެނޭޖްކުރާނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އަލުން ހުޅުވާލައިފި އެވެ.
ކައުންސިލުން މިކަމަށް ފުރަތަމަ ހުޅުވާލީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެގޮތުން ކުރިމަތިލާން ދިން ސުންގަޑި ހަމަވީ އެ މަހުގެ 15 އަށެވެ. ނަމަވެސް އަލުން ބީލަމަށް ހުޅުވާލީ ކުރިން ކުރި އިއުލާނަށް ލިބުނު ތަރުހީބު ކުޑަވުމާ ގުޅިގެންނެވެ. އެގޮތުން އަލުން ހުޅުވާލައި މިކަމަށް ކުރިމަތިލާން މާލެ ކައުންސިލުން މިހާރު ދީފައިވާ ސުންގަޑި އަކީ މި މަހުގެ 12 އެވެ.
މިކަމާ ބެހޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ކައުންސިލް އިދާރާގައި އޮންނާނެ އެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް އަދި ލޯކަލް އިންވެސްޓްމަންޓް ވިޔަފާރީގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށް ކައުންސިލުން ބުންޏެވެ.
މާލޭގެ މަގުތައް ޒީނަތްތެރިކުރަން މާލެ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ބޮޑުތަކުރުފާނު މަގުގައި ކަދުރު ރުއްތަކެއް އިންދީ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެގޮތުން މަގުގެ އެއްކޮޅުން އަނެއްކޮޅަށް ކަދުރު ރުއް އިންދާފައިވެ އެވެ.