Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

ސެނެގާލްގެ ޕާލިމަންޓްގައި ވަރުގަދަ މާރާމާރީއެއް

ސެނެގާލްގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެއްގެ ތެރޭގައި ވަރުގަދަ މާރާމާރީއެއް ހިންގައިފި އެވެ.

މި މާރާމާރީ މިދިޔަ ބުރާސްފަތި ދުވަހު ހިނގީ އަންނަ އަހަރަށް ލަފާކޮށް ޖަސްޓިސް މިނިސްޓްރީ އަށް ކަނޑައެޅި ބަޖެޓ ބެހޭ ގޮތުން ބަހުސްކޮށް، ވޯޓަށް ވެސް އަހަން ތައްޔާރުވަމުން ދަނިކޮށެވެ. އެގޮތުން އިދިކޮޅު މެމްބަރެއް ކަމަށްވާ ސެރީން މުސްތޮފާ ސީއާ އަކީ ރައީސް މެކީ ސޯލް އާއި ސަރުކާރަށް ފުރައްސާކުރައްވާ މެމްބަރެއް ކަމަށް ސަރުކާރަށް ތާއީދުކުރައްވާ އަންހެން މެމްބަރެއް ކަމަށްވާ އެމީ އެންޑިޔާއީ ވިދާޅުވުމާ ގުޅިގެން ދެ މީހުންގެ މެދުގައި ގަދަ އަށް ޒުވާބުކުރައްވައި، އެމީގެ ގައިގައި އެހެން މެމްބަރަކު ފައިން ސެރީން ޖެެއްސެވުމުން ގޮނޑިއެއް ހޫރައިލާ ތަނާއި މި ކޯޅުންގަނޑުގެ ތެރޭގައި މެމްބަރަކު ބިންމައްޗަށް ވެއްޓި މަޖިލީހުންގެ ތަޅުން ވަރަށް ބޮޑަށް ހޫނުވެގެން ދިޔަ ތަން އާންމުވެފައިވާ ވީޑިއޯތަކުން ވެސް ފެނެ އެވެ.

މާރާމާރީ ހޫނުވުމުން ބައެއް މެމްބަރުން އެކަން މައިތިރި ކުރަން މަސައްކަތްކުރައްވާ ތަން ވެސް ފެނެ އެވެ.

ޖަލްސާ ހޫނުވެ މާރާމާރީ ހިންގުމާ ގުޅިގެން ބަޖެޓަށް ވޯޓަށް ވެސް ނާހައި ބުރާސްފަތި ދުވަހު ޖެހުނީ ޖަލްސާ ނިންމައިލާށެވެ. އޭގެ ފަހުން ޖަލްސާއެއް ނުބާއްވަ އެވެ.

މިކަމާ ގުޅިގެން އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވެފައި ވަނީ ޖަލްސާތައް އަލުން ބާއްވަން ޖެހޭނީ އެމީ މައާފަށް އެދިވަޑައިގަތުމުން ކަމަށާއި އެހެން ނޫން ކަމަށްވާ ނަމަ ޖަލްސާތައް ކުރިއަށް ގެންދަން އިދިކޮޅުން ހުރަސް އަޅާނެ ކަމަށެވެ. އިދިކޮޅުން ބުނާ ގޮތުގައި ރައީސް މެކީ އަށް ވަނަ ދައުރަކަށް 2019 ގައި އިންތިހާބުވެވަޑައިގަތް ފަހުން ކުރިން ވެވަޑައިގަތް ވައުދުތައް ނުފުއްދަވައި މިހާރު މަސައްކަތް ކުރައްވަނީ އަނެއްކާ ވެސް 2024 ގެ އިންތިހާބަށް ވެސް ވާދަކުރައްވާށެވެ.