އައްޑޫގެ ސިއްހީ ދާއިރާއަށް މިހާރު ބޭނުން ވަނީ އިތުރު އާ އިމާރާތްތަކެއް ނޫން ކަމަށް އައްޑޫގެ މޭޔަރު އަބްދުﷲ ސާދިގް (ސޯބެ) ވިދާޅުވެެއްޖެ އެވެ.
"އައްޑޫ ލައިވް" އަށް ސޯބެ ވިދާޅުވީ، ހިތަދޫގައި 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ތައްޔާރު ވަމުން އަންނަ އިރު އިތުރު ސިއްޙީ މަރުކަޒުތައް އެޅުމަށްވުރެ، މިހާރު ސިއްހީ ދާއިރާގެ ހުރި މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރުން މާ މުހިއްމު ކަމަށެވެ.
"އަޅުގަނޑު ނުދަންނަވަން އިމާރާތް ނާޅާށެކޭ. އެކަމަކު މިހާރު ހުރި އިމާރާތް ތަކުންވެސް މިއުޅެނީ އެންމެ އާދައިގެ ހިދްމަތް ވެސް ނުދެވިގެން. މަރަދޫ، ހުޅުމީދޫ، ފޭދޫ ސިއްހީ މަރުކަޒަކު ނެތް ރަނގަޅު ޑޮކްޓަރެއް، ހިތަދޫ ހޮސްޕިޓަލްގެވެސް ހާލު އެހާ ދެރަ. އެހެން އެކަން ހުއްޓާ އިތުރު އިމާރާތެއް އެޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެނޭ." މޭޔަރު ވިދާޅުވި އެވެ.
ސޯބެ ވިދާޅުވީ ސިއްހީ ދާއިރާގެ ކަންކަން ހައްލު ކުރުމަށް ވިސްނާލައިގެން، ހަރުދަނާ ފިޔަވަޅުތަކެއް އެޅުން މުހިއްމު ކަމަށެވެ.
މަރަދޫފޭދޫގައި ސިއްހީ މަރުކަޒެއްގެ އާ އިމާރާތެއްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތަށް ފަހު ސޯބެ ވިދާޅުވީ އިމާރާތަކަށް ވުރެ މިހާރު ތިބި އިމާރާތް ތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރުން މާ މުހިއްމު ކަމަށެވެ.
"އަޅުގަނޑު މިދައްކާ ވާހަކައަކީ އަޅުގަނޑުމެންގެ ތެރެއިން ބަލިވެ އިނދަގެން ވިހަންދާ މީހާއަށް ޔަގީންކަން އޮންނަން އެބަ ޖެހޭ. އެމީހާއަށް ލިބެންޖެހޭ ހިދްމަތްތައް ފުރިހަމައަށް ލިބޭނެކަން، ހަމަ މާބަނޑުވެ ވިހަން ޖެހޭއިރަށް ފުރައިގެން ކޮންމެ ވެސް ތާކަށް ދާން ނުޖެހޭނެ ޔަގީންކަން، މިހާރު އެބައޮތްތޯ ހިތަދޫ ހޮސްޕިޓަލްގައި އެޔަގީންކަން، އަޅުގަނޑު މިދަންނަވަނީ އެކަންކަން މިނިސްޓްރީން ހައްލުކޮށް ދެއްވާށޭ." އޭނާ ވިދާޅުވި އެވެ.
ސޯބެ ވިދާޅުވީ ސަރުކާރުން އައްޑޫގެ ތަރައްޤީއަށް ކުރާ އެއްވެސް ކަމަކަށް އައްޑޫ ސިޓީ ކައުންސިލުން ހުރަހެއް ނާޅާނެކަމަށެވެ.
"ހިތަދޫ ހޮސްޕިޓަލްގައި ނެތް ރަނގަޅު އެމްބިއުލާންސެއްގެ މިންވަރުވެސް، މިހާރު އޮތީ ހަލާކުވެފައި އޮތް ވޭނެއް. އެއަށް އެމްބިއުލާންސެކޭ ނުކިޔާނެ. ދެން ކޮބާ އެތަނުން ރަނގަޅު ޓެސްޓެއް ނެހެދޭ. ކަށީގެ ރަނގަޅު ފަރުވާއެއް ނުދެވޭ. ހުޅުމީދޫން ބަލި މީހުން ހިތަދޫއަށް ގެނެވޭނެ މަގު މިވަނީ ބަންދުވެފައި." އޭނާ ވިދާޅުވި އެވެ.
ސޯބެ ވިދާޅުވީ ހޮސްޕިޓަލްތަކުން ދެވޭ ހިދްމަތްތައް ރަނގަޅު ނުކުރެވި އިމާރާތް އިތުރުކުރުމަކުން ފައިދާއެއް ނެތްކަމަށެވެ. އަދި ވީހާވެސް އަވަހަކަށް ހިތަދޫ އާ ހޮސްޕިޓަލްގެ މަަސައްކަތް ފަށާ، އެތަނުން ރައްޔިތުންނަށް ހިދްމަތް ފޯރުކޮށް ދިނުމަށް އެދިވަޑައިގަތެވެ.