ދ. ރިނބުދޫއިން އާސާރީ ބޮލިވަޅެއް ފެނިއްޖެއެވެ.
ހެރިޓޭޖް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އިސްމާއީލް ނާއިލް ނަޝީދު "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރިނބުދޫއިން ބޮލިވަޅެއް ފެނިގެން އެކަން ހެރިޓޭޖް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާކަމަށެވެ.
އެގޮތުން އެ ބޮލިވަޅު ފެނިފައިވަނީ އެރަށުގެ ފެނާ ނަރުދަމާގެ މަސައްކަތަށް ކޮންނަމުންދިޔައިރުކަން ފާހަގަކޮށްފައިވެއެވެ.
ނާއިލް ވިދާޅުވީ އެ ރަށު ކައުންސިލުން މިހާރު އެ ސަރަހައްދާ ހަވާލުވެފައިވާ ކަމަށެވެ. އަދި ސަގާފީތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ސަމާލުކަމަށްވެސް މިކަން ގެނެސްފައިވާ ކަމަށެވެ.
އެ ސަރަހައްދުން ފެނުނު ބޮލިތައް ރިނބުދޫ ކައުންސިލުގެ ބެލުމުގެ ދަށަށް ގެންގޮސް ބޮލި ގުނާ އަދަދު ކަށަވަރުކޮށް އެ ތަކެތި ކައުންސިލްގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް އިރުޝާދު ދެވިފައިވާ ކަމަށްވެސް ހެރިޓޭޖުން މައުލޫމާތުދެއެވެ. އަދި ރަށުގެ އެ ސަރަހައްދަކީ އެފަދަ އާސާރީ އެއްޗެއް ފެނިފައިވާ ސަރަހައްދެއްކަން ލޭންޑް ޔޫޒް ޕްލޭންގައި ފާހަގަކޮށްފައި ބޭއްވުމަށްވެސް އިރުޝާދު ދީފައިވާކަމަށް ނާއިލް ވިދާޅުވިއެވެ.
މި ބޮލިވަޅު ފެނުނުކަމުގެ މައުލޫމާތު، ރިނބުދޫ ކައުންސިލުން، @HeritageMv އާ ހިއްސާކޮށްދެއްވިކަމަށްޓަކައި ޝުކުރު ދަންނަވަން. މި ކަމުގައި @HeritageMv ގެ ލަފަޔާ އެއްގޮތަށް ކައުންސިލުން އަމަލު ކޮށްދެއްވުން އެދެން.@ManadhooThoriq @HaathimIbrahim https://t.co/b6ZjEcInS1
— Yumna Maumoon 🇲🇻 🤝🇵🇸 (@yumna_maumoon) December 5, 2022
ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުގައި ބުނެފައިވަނީ ސަގާފީ ތަރިކަކަމަށް ބެލެވޭ އެއްޗެއް ނުވަތަ ތަނެއް ފެނިއްޖެނަމަ އެކަން ކައުންސިލަކުން ސަގާފީތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒަށް އަންގަންވާނެ ކަމަށެވެ. އަދި ކޮންނަނިކޮސް އެފަދަ އެއްޗެއް ފެނިއްޖެނަމަ އެ މަސައްކަތެއް ވަގުތުން ހުއްޓާލާ އެ ކަމުގެ މައުލޫމާތު ލަސްނުކޮށް ސަގާފީތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒަށް އަންގަންވާނެ ކަމަށެވެ. އަދި އެ މަސައްކަތެއް އިތުރަށް ކުރިއަށް ގެންދަންވާނީ ސަގާފީތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން އަންގާ ގޮތެއްގެ މަތިން ކަމަށްވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.