ކައިވެނިކުރަން އާއިލާގެ ފަރާތުން މި ވަގުތު އެއްވެސް ޕްރެޝަރެއް ނެތް ކަމަށް ބޮލީވުޑްގެ ތަރި ކާތިކް އާރިއަން ބުނެފި އެވެ.
ބޮލީވުޑްގައި މިހާރު ތިބި އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑް ބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ 32 އަހަރުގެ އެކްޓަރު ނިއުސް18 އަށް ދިން އިންޓަވިއުއެއްގައި ބުނީ ކައިވެނީގެ އެއްވެސް ޕްލޭނެއް މި ވަގުތު ނެތަސް، އެފަދަ ގުޅުމަކާ ހަމައަށް ދާނެ ކަމަށެވެ.
"އެކަމަކު މި ވަގުތު އެންމެ ބޮޑު ފޯކަސްއެއް އޮތީ. މަސައްކަތަށް ކެރިއަރަށް." ހުކުރު ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި "ފްރެޑީ" ގެ ބަތަލު ބުންޏެވެ.
ކާތިކް ބުނީ ކުރިއަށް އޮތް ތިން ހަތަރު އަހަރު ވެސް މަސައްކަތަށް އިސްކަންދޭން މަންމަ ވަރަށް ބޮޑަށް ބާރުއަޅާ ކަމަށެވެ. އެހެންވެ ކައިވެންޏަކާ ދޭތެރޭ ވިސްނާނީ އޭގެ ފަހުން ކަމަށް ބުންޏެވެ. އޭނަގެ އަތުގައި މިހާރު ވެސް ގިނަ ޕްރޮޖެކްޓަތެކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި "ސަތިއަޕްރޭމް ކީ ކާތާ"، "ޝެހެޒާދާ"، "ކެޕްޓަން އިންޑިއާ"، "އާޝިގީ 3" އަދި ޑައިރެކްޓަރު ކަބީރް ޚާންގެ ނަން އިއުލާން ނުކުރާ ފިލްމެއް ހިމެނެ އެވެ.
"މަސައްކަތް ބައިވަރު އެބަހުރި. އެހެންވީމަ ކައިވެނިކުރާކަށް މިހާރަކު އާއިލާގެ އެއްވެސް ޕްރެޝަރެއް ނެތް. އެކަމަކު ބައިވެރިއަކަށް އަބަދު ވެސް އަހަރެންގެ ހަޔާތުން ޖާގައެއް އޮންނާނެ." ކާތިކް ބުންޏެވެ.
މިހާރު އަޑުތައް އަރާފައިވާ ގޮތުން ކާތިކް ރައްޓެހިވެގެން އުޅެނީ ރިތިކް ރޯޝަންގެ ކަޒިންއެއް ކަމަށްވާ ޕަޝްމީނާ ރޯޝަނާ އެވެ. އޭނަ އަކީ ރިތިކްގެ ބައްޕަ ޑައިރެކްޓަރު ރާކޭޝް ރޯޝަންގެ ކޮއްކޮ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު ރާޖޭޝް ރޯޝަންގެ ދަރިއެކެވެ. އަންނަ އަހަރު ރިލީޒްކުރާ "އިޝްގް ވިޝްގް ރީބައުންޑް" އިން ޕަޝްމީނާ ބޮލީވުޑަށް ނުކުންނާނެ އެވެ.
ކާތިކް ވަނީ ކުރިން 2020 ގެ ފިލްމު "ލަވް އާޖް ކަލް" ގެ ބަތަލާ ސާރާ އަލީ ޚާނާ ވެސް ރައްޓެހިވެފަ އެވެ. ސާރާ އަކީ އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅެވެ.
ޒުވާން އަންހެން ކުދިން މިހާރު އެ ތަރިއަކަށް އެންމެ ފިދާވާ ކާތިކަށް ލޯބީގެ ވަރަށް ގިނަ ހުށަހެޅުންތައް ފޭނުންގެ ފަރާތުން ވެސް ލިބެ އެވެ.