މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގައި ހުރި މަސްވެރިއަކު ހާލުދެރަވެގެން، އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ މަސްވެރިކަމަށް ނުކުމެ އުޅުނު "ޢާއިލާ" ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ހުރި އުމުރުން 42 އަހަރުގެ ފަޅުވެރިޔެއްގެ ހާލުދެރަވެގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
ދ.ކުޑަހުވަދޫގެ 12 ނޯޓިކަލް މޭލު ބޭރުން އެ ދޯނި މަސްވެރިކަން ކުރަމުން ދަނިކޮށް، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންއަށް ފަޅުވެރިޔާގެ ހާލު ދެރަވެގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 11:00 ހާއިރު ކަމަށް އެމްއެންޑިއެފްއިން މައުލޫމާތުދެއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ އުޅަނދެއް އެ ދޯނި އޮތް ސަރަހައްދަށް ގޮސް، އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންއިން، ހާލު ދެރަވި ބަލިމީހާ މިއަދު 11:32 ހާއިރު ދ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ.