Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

މާރާމާރީ ހިންގި ބިދޭސީއަކު 10 އަހަރަށް ޖަލަށް

ކްރިމިނަލް ކޯޓު --

ބިދޭސީއަކަށް ވަޅިން ހަމަލާދީ މާރާމާރި ހިންގި ބިދޭސިއަކަށް 10 އަހަރުގެ ޖުލު ހުކުމެއް އިއްވައިފިއެވެ.

މި މައްސަލައިގައި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރި ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މޮހައްމަދު ބޮކުލް ހޮސައިންގެ މައްޗަށެވެ.

މި މައްސަލައިގެ ދައުވާގައި ބުނެފައިވަނީ 202 ޑިސެމްބަރު 16 ވަނަ ދުވަހުގެ 21:48 ހާއިރު މާލެ، ކެނެރީގޯޅި ގައި ހުރި ބަންގްލަދޭޝްގެ ރައްޔިތަކަށް މޮހައްމަދު ބޮކުލް ހޮސައިން ހަމަލާދީ ދަތްދޮޅިއާއި ބޮލާއި މޭމައްޗާއި ވާއަތްފަރާތު ކިހިލިފަތް ދަށުން ފެށިގެން ވާއަތްފަރާތު ބޮނބިފަޅިއަށް ތޫނުއެއްޗެއް ބޭނުންކޮށްގެން ހަމަލާދީފައިވާކަމަށެވެ.

މިމައްސަލައިގައި ދައުވާ އުފުލުމުން މޮހައްމަދު ބޮކުލް ހޮސައިން ވަނީ އެ ދައުވާއަށް އިންކާރުކޮށްފައެވެ. އެހެންކަމުން ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނަގާފައިވެއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފައިވަނީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރި ހިންގުމުގެ ކުށުގެ ދައުވާ މޮހައްމަދު ބޮކުލް ހޮސައިންގެ މައްޗަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން މޮހައްމަދު ބޮކުލް ހޮސައިން 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށް އޭގެތެރެއިން ތަންފީޒުކުރަންޖެހޭ އަދަބުގެ މުއްދަތަކީ 8 އަހަރާއި 3 މަހާއި ފަސް ދުވަސް ކަމަށް ކަނޑައަޅާ ހުކުމް ކޮށްފައިވެއެވެ.