ހިތަދޫގައި އިމާރާތް ކޮށްފައިވާ އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ވީރާނާވާން ހައުސިން މިނިސްޓްރީން ދޫކޮށްލި މައްސަލަ މަޖިލިސް ފެށުނުހާ އަވަހަކަށް މަޖްލިސް ތެރެއިން ބަލާނެކަމަށް ހިތަދޫ ދެކުނު ދާއިރާއިން މަޖިލިސްއަށް އަލަށް އިންތިހާބް އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
"އައްޑޫ ލައިވް" އަށް ދެއްވި އިންޓަވިއުއެއްގައި ނިޒާރު ވިދާޅުވީ ފާއިތުވި ތިން އަހަރު އެއްވެސް ކަހަލަ ބެލެހެއްޓުމެއް ނެތި ދައުލަތުން އެތައް މިލިއަން ރުފިޔާ ހޭދަކޮށްގެން އެޅި އިމާރާތް ވީރާނާވާން ދޫކޮށްލާފައި ވުމަކީ ސީރިއަސް މައްސަލައެއްކަމަށެވެ.
ނިޒާރު ވިދާޅުވީ މަޖިލިސް އަށް އައްޑޫން އިންތިހާބްވި ހުރިހާ މެމްބަރުންނާއި ގުޅިގެން ހައުސިން މިނިސްޓަރ، ޑރ. އަހްމަދު މުއިއްޒު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރު ކޮށް ޖަވާބު ދާރީ ކުރުވާނެކަމަށެވެ.
"އަޅުގަނޑުމެންނަކަށް ނެތް ތިބެވޭކަށް، އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްގެން އައްޑޫގެ ކުރިމަގަށް އެލި އިމާރާތެއް ވިރާނާވެގެން ދާތަން ބަލަން، މީ ސީރިއަސް މައްސަލައެއް."
ނިޒާރު ވިދާޅުވީ ހައުސިން މިނިސްޓްރީން އީސީސީ ބަލަހައްޓަން އެއްވެސް މަސައްކަތެއް ކުރި ނަމަ ތަނުގެ ދޮރޮތަކުގެ އަތްގަޑުތަކާއި، ތަންތަން އެގޮތަށް ހަލާކުވެގެން ނުދާނެކަމަށެވެ. އަދި ކިރިޔާވެސް މަސައްކަތެއް ކުރި ނަމަ އެތަން ރީތިކޮށް ބޭއްވޭނެ ކަމަށެވެ.
"އީސީސީ ސެކިއުރިޓީގައި އެތިބީ އެމްއެންޑީއެފްގެ ސިފައިން، ހައުސިން މިނިސްޓްރީން އެތަން ބަލަހައްޓަން ބޭނުންނަމަ ސިފައިން މެދުވެރިކޮށް ނަމަވެސް އެތަންތަން ދޭތެރެ ދޭތެރެއިން ސާފުކޮށްލެވިދާނެ، ނޫނީ މުވައްޒަފުންތަކެއް ނަގައިގެން ވެސް ބެލެހެއްޓިދާނެ، އެކަމަކު ބޭނުމެއް ނުވޭ އެތަން ބަލަހައްޓާކަށް"
ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައި އީސީސީ ހުރި އިރު އެތަން ބެލެހެއްޓުމަށް މިނިސްޓްރީން އެއްވެސް މަސައްކަތެއް މިވީތަނަށް ކޮށްފައި ނުވެއެވެ.
އައްޑޫ ސިޓީ ކައުންސިލާއި ރައްޔިތުން ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު އީސީސީ ސާފުކުރުމަށް ހިންގި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި ނިޒާރު ވިދާޅުވީ ރައީސް ވަހީދުގެ ސަރުކާރާއި، އަދި މި ސަރުކާރުގައި ވެސް ހައުސިން މިނިސްޓަރަކަށް ހުންނެވީ މުއިއްޒުކަމަށެވެ. އެހެން ކަމުން މުއިއްޒު އާއި ސުވާލުކޮށް މިކަމުގައި ކުރިއަށްދާން އޮތް ގާނޫނީ މަގުން ކުރިއަށްދާނެކަމަށެވެ.
އީސީސީގެ ސެކިއުރިޓީ އެމްއެންޑީއެފްއިން ބަލަހައްޓަމުން ދަނިކޮށް އެތަނުގެ ޓްރާންސްފޯމަރުގެ ވަށައިގެން ޖަހާފައިވާ ދަނގަޑު ހޯޅީގެ ފެންސްވަނީ ބަޔަކު ވަގަށް ގެންގޮސްފައެވެ.
އީސީސީ ވީރާނާވެގެންދާއިރު ދޭތެރެ ދޭތެރެއިން އެތަން ޓޫރިޒަމް މިނިސްޓްރީން ބިޑަށް ހުޅުވާލައެވެ. ނަމަވެސް އޭގެ ފަހުން ވާނުވާއެއް ނޭގެއެވެ.
ް