Last Updated: July 27, 18:03
Tuesday, July 28, 2026
މުނިފޫހިފިލުވުން

ބަންސާލީގެ އަލްބަމް ބުދަ ދުވަހު ނެރެނީ

ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލ ބަންސާލީ ރަސްމީކޮށް ނެރޭ ފުރަތަމަ މިއުޒިކް އަލްބަމް އަންނަ ބުދަ ދުވަހު ނެރެން ނިންމައިފި އެވެ.

"ސުކޫން" ގެ ނަން ދީފައިވާ މި އަލްބަމްގައި ކާމިޔާބު އެތައް ފިލްމެއް ފެނެސްދިން ޑައިރެކްޓަރުގެ މިއުޒިކަށް ތައްޔާރުކޮށްފައިވާ 9 ލަވަ ހިމެނޭނެ އެވެ. އަލްބަމްގެ ކަވަރާއި އޭގެ ޓްރެކް ލިސްޓް ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. "ސުކޫން" ގެ ޓްރެކް ލިސްޓްގައި ހިމެނޭ ލަވަތަކަކީ "ގާލިބް ހޯނާ ހޭ"، "ތުޖޭ ބީ ޗާންދު"، "ދަރުދު ޕައްތަރޯން ކޯ"، "ގަރާރު"، "ގަމް ނާ ހޯނޭ"، "ސިވާ ތޭރޭ"، "ހަރް އޭކް ބާތު" އަދި "މުސްކްރާހަޓް" އެވެ.

މި ލަވަތަކުގެ ޅެން އެކި ޅެންވެރިން ހަދާފައިވާ އިރު "ސުކޫން" ގެ ލަވަތަކުން އެކި ފަންނާނުންގެ އަޑު ވެސް އިވިގެން ދާނެ އެވެ. އޭގެ ތެރޭގައި ބަންސާލީގެ ފެވަރިޓެއް ކަމަށްވާ ޝްރެޔާ ގޯޝަލްގެ އިތުރުން އަރުމާން މާލިކް، ރާޝިދު ޚާން އަދި ސާހިލް ހާޑާ ހިމެނެ އެވެ.

"ހަމް ދިލް ދޭ ޗުކޭ ސަނަމް" އާއި "ދޭވްދާސް" ފަދަ ރީތި ފިލްމުތައް ގެނެސްދިން ބަންސާލީ އެންމެ ފަހުން ޑައިރެކްޓްކުރި ފަަސް ފިލްމުގެ މިއުޒިކް ވެސް ހެދީ އަމިއްލައަށެވެ. އެއީ މި އަހަރުގެ "ގަންގޫބާއީ ކަތިއަވާޅީ" އާއި 2018 ގެ "ޕަދުމާވަތު" އާއި 2015 ގެ "ބަޖިރާއޯ މަސްތާނީ" އާއި 2013 ގެ "ރާމް ލީލާ" ގެ އިތުރުން 2010 ގެ "ގުޒާރިޝް" އެވެ.

މި ހުރިހާ ފިލްމުތަކަށް ބަންސާލީ ހެދި ހުރިހާ ލަވައެއް ވެސް ވަރަށް މަގުބޫލުވި އެވެ.

ބަންސާލީ ބުނި ގޮތުގައި ނިންމަން ދެ އަހަރެއްހާ ދުވަސް ނެގި އޭނަގެ އަލަތު އަލްބަމް ޑެޑިޑޭޓްކުރަނީ މި އަހަރުގެ ފެބްރުއަރީގައި މަރުވި އިންޑިއާގެ އަންހެން ރަންއަޑުގެ ވެރިޔާ ލަތާ މަގޭޝްކަރްއަށެވެ. ބަންސާލީ އަކީ ލަތާގެ ވަރަށް ބޮޑު ފޭނެކެވެ.