ސަރުކާރުގެ ވިޔަފާރި ކުންފުނިން ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން، އެސްޓީއޯއިން "ބިގް 5" އިމާރާތް ކުރުމުގެ ފެއަރގައި ބައިވެރިވެއްޖެ އެވެ.
އެސްޓީއޯގެ ފަރާތުން ބައިވެރިވި "ބިގް 5" ފެއަރ އަކީ ދުނިޔޭގެ އިމާރާތް ކުރުމުގެ ދައިރާގެ އެންމެ ނުފޫޒު ގަދަ ފަރާތްތަކުން ބައިވެރިވާ ފެއަރ އެއް ކަމަށް އެސްޓީއޯއިން ބުނެ އެވެ. މިމަހުގެ 5 އިން 8 އަށް ދުބާޢީގައި ކުރިއަށް ގެންދާ މި ފެއަރގައި، އެސްޓީއޯއިން ބައިވެރިވުމުގެ އެންމެ ބޮޑު މަޤްސަދަކީ އެސްޓީއޯގެ ވިޔަފާރި ބައިނަލްއަޤްވާމީ ބާޒާރުގައި ފުޅާ ކުރުމުގެ ފުރުސަތު ފަހި ކުރުމެވެ.
އެސްޓީއޯ މޯލްޑިވްސްގެ ނަމުގައި މި ފެއަރގައި ގާއިމްކޮށްފައިވާ ސްޓޯލްގައި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ވިއްކާ، ހިލަ ހިލަވެލި، ދަގަނޑު، ދަގަނޑު ހޮޅި، ފަތި ހޮޅި އަދި ޕްލައިވުޑާއި، ޝަޓަރިންގ ފިލާގެ އިތުރުން އެސްޓީއޯ ސިމެންތި ދައްކާލެވޭނެ ކަމަށް އެކުންފުނިން ހާމަކުރެ އެވެ.
އެކުވެރި އަރަބި އިމާރާތުގެ ދުބާޢީގައި ކުރިއަށް ގެންދާ މި ފެއަރގައި އެސްޓީއޯއިން ބައިވެރިވާއިރު، ފެއާރގައި 60 ޤައުމަކުން 150 އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެ އެވެ.