Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

މެޗު ޕްރިވިއު: ކްރޮއޭޝިއާ-ޖަޕާން

ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގެ ކުޅުން ފަށާފައިވާއިރު މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކްރޮއޭޝިއާ އާއި ޖަޕާން އެވެ.

ޖަޕާން މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ގްރޫޕް ސީ ގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ޖަޕާން މޮޅުވިއިރު އަނެއް މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ. ކްރޮއޭޝިއާ ދެވަނަ ބުރުން ޖާގަ ހޯދީ ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާ އެކު ގްރޫޕް އެފް ގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕް ސްޓޭޖުގައި ކްރޮއޭޝިއާ ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

1998 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް ކްރޮއޭޝިއާ އެންމެފަހުން ދަތުރުކުރީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ. އެގޮތުން އެ ވޯލްޑް ކަޕްގެ ފައިނަލަށް ކްރޮއޭޝިއާ ވަނީ ދަތުރުކޮށްފަ އެވެ. ޑިފެންސިވް ސިސްޓަމަކަށް ކުޅޭ ކްރޮއޭޝިއާ ކޮޅަށް މި ވޯލްޑް ކަޕްގައި މިހާތަނަށް ވަދެފައިވަނީ އެންމެ ގޯލެކެވެ. ނަމަވެސް ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ކްރޮއޭޝިއާ އަށް ގޯލު ކާމިޔާބު ކުރެވުނީ އެންމެ މެޗެއްގަ އެވެ. އެންމެފަހުން ކުޅުނު 9 މެޗުން ވެސް ކްރޮއޭޝިއާ ބަލިވެފައި ނުވުމަކީ މި މެޗަށް ނިކުންނައިރު އެޓީމަށް އޮތް ހިތްހަމަޖެހުމެކެވެ.

ވޯލްޑް ކަޕްގެ ދެވަނަ ބުރުން ޖެހިޖެހިގެން ފުރަތަމަ ފަހަރަށް ޖާގަ ހޯދި ޖަޕާނަށް މީގެކުރިން ދުވަހަކު ވެސް މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކުރެވިފައެއް ނުވެ އެވެ. ސްޕެއިން އާއި ޖަރުމަނު ހިމެނުނު ގްރޫޕްގެ އެއްވަނަ ހޯދި ޖަޕާނުން ވަނީ ގްރޫޕް ސްޓޭޖުގައި އެ ދެ ޓީމު ވެސް ބަލިކޮށްފަ އެވެ. ދެވަނަ ބުރުގެ މެޗާއި ޖަޕާނުން ކުރިމަތިލާއިރު އެޓީމު އޮތީ އިތުބާރާއެކު ކަމަށްވާއިރު ވޯލްޑް ކަޕްގެ އެންމެފަހުގެ ރަނަރަޕަށް ސިހުން ގެނުވަން ޖަޕާން އޮތީ ތައްޔާރަށެވެ. މިފަހަރުގެ މުބާރާތުގެ ކުއާޓާފައިނަލުން ޖާގަ ހޯދާ ފުރަތަމަ އޭޝިއާގެ ޓީމަށް ވުމަށް ޖަޕާނުން މިރޭ ވެސް ގްރޫޕް ސްޓޭޖުގައި ދެއްކި ފަދަ މޮޅު ކުޅުމެއް ތަކުރާރު ކުރަންޖެހެ އެވެ.

ކްރޮއޭޝިއާ

ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި ކުޅުނު 8 މެޗުގެ ތެރެއިން ކްރޮއޭޝިއާ ބަލިވެފައިވަނީ އެންމެ ދެ މެޗުންނެވެ. އެ 8 މެޗުގެ ތެރެއިން ހަތަރު މެޗުން ކްރޮއޭޝިއާ ވަނީ މޮޅު ހޯދާފަ އެވެ.

މިއީ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ކްރޮއޭޝިއާ ވާދަކުރާ ތިންވަނަ ފަހަރު ކަމަށްވާއިރު އެންމެފަހުން އެޓީމުން ކުޅުނު ދެވަނަ ބުރުގެ ދެ މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. އެގޮތުން 1988 ވަނަ އަހަރު ދެވަނަ ބުރުގައި ކްރޮއޭޝިއާ އިން ރޮމޭނިއާ 1-0 އިން ބަލިކުރިއިރު، 2018 ވަނަ އަހަރުގެ މުބާރާތުގެ ދެވަނަ ބުރުގައި ޑެންމާކުގެ މައްޗަށް ކްރޮއޭޝިއާ އިން ކުރި ހޯދީ ޕެނަލްޓީންނެވެ.

މި މެޗަށް ނިކުންނައިރު ކްރޮއޭޝިއާ ޓީމުުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތެވެ.

ޖަޕާން

ވޯލްޑް ކަޕްގައި ޔޫރަޕްގެ ޓީމުތަކާ ދެކޮޅަށް ޖަޕާނުން ވަނީ 12 މެޗު ކުޅެފަ އެވެ. އޭގެތެރެއިން ޖަޕާން މޮޅުވެފައިވަނީ ހަތަރު މެޗުން ކަމަށްވާއިރު ފަސް މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ. ޖަޕާނުން ވަނީ މި ވޯލްޑް ކަޕްގައި ޔޫރަޕްގެ ދެ ޓީމު ކަމަށްވާ ޖަރުމަނާއި ސްޕެއިން ބަލިކޮށްފަ އެވެ.

ވޯލްޑް ކަޕްގެ ކުއާޓާފައިނަލުން ފުރަތަމަ ފަހަރަށް ޖާގަ ހޯދަން ޖަޕާނުން މިރޭ ނިކުންނައިރު މުބާރާތުގެ ކުއާޓާ އަށް މިހާތަނަށް ދަތުރު ކުރެވުނީ އޭޝިއާގެ އެންމެ ދެ ޓީމަކަށެވެ. އެއީ 1966 ވަނަ އަހަރު އުތުރު ކޮރެޔާ އާއި 2002 ވަނަ އަހަރު ދެކުނު ކޮރެޔާ އަށެވެ.

މިރޭގެ މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ޖަޕާނުގެ ޑިފެންޑަރު ކޯ އިޓަކޫރާ އަށް ނުކުޅެވޭނެ އެވެ. ނަމަވެސް މި މެޗަށް އާސެނަލްގެ ޖަޕާން ޑިފެންޑަރު ޓަކެހީރޯ ޓޮމިއާސޫ ވަނީ ފިޓްވެފަ އެވެ.

ދެ ޓީމުގެ ކުރިމަތިލުންތައް

މީގެކުރިން ތިން ފަހަރެއްގެ މަތިން ކްރޮއޭޝިއާ އާއި ޖަޕާން ވަނީ ބައްދަލުކޮށްފަ އެވެ. އޭގެތެރެއިން އެއް މެޗުން ޖަޕާން މޮޅުވިއިރު އަނެއް މެޗުން މޮޅުވީ ކްރޮއޭޝިއާ އެވެ. މި ދެ ޓީމު އެންމެފަހުން ބައްދަލުކޮށްފައިވަނީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ. އެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ޖަޕާން އާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 8 ޖަހާއިރު އެވެ.