Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ވިނަރެސް ފްލެޓްގެ މުޢާމަލާތައް ޕޯޓަލް އިން

ހުޅުމާލެ ހޮސްޕިޓަލް-- ފޮޓޯ: އަވަސް އޮންލައިން

ވިނަރެސް ފްލެޓްތަކާއި ގުޅޭ ހުރިހާ މުޢާމަލާތެއް ކުރާނީ މައިއެޗްޑީސީ ޕޯޓަލް މެދުވެރިކޮށް ކަމަށް ހައުސިންގް ޑެވެލޮޕްމެންޓް ކޯޕަރޭޝަންއިން ބުނެފިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ވިނަރެސް ހައުސިންގ މަޝްރޫޢޫއިން ފުލެޓް ބައްލަވައިގަތުމަށް ފޯމް ހުށަހެޅި ފަރާތްތަކަށް އެއްވެސް ގޮތަކަށް ގުޅައި އެއްވެސް ލިންކެއް އަދި ފައިސާގެ މުޢާމަލާތެއް ފޯނުން ގުޅައިގެން ނުހިންގާނެ ކަމަށް އެޗްޑީސީން ބުނެއެވެ. ނަމަވެސް މައިހުޅުމާލެ ޕޯޓަލް އިން ވިނަރެސް އެޕްލިކޭޝަންގެ ސްޓޭޓަސް ބަދަލުވާކަމުގެ ނޮޓިފިކޭޝަން އެސްއެމްއެސް މެދުވެރިކޮށް އާންމުންނަށް ލިބިގެންދާނެއެވެ. އަދި ވިނަރެސްއާއި ބެހޭގޮތުން އިތުރު މަޢޫލޫމާތެއް ހިއްސާ ކުރާނަމަ ގުޅާނީ މި ކޯޕަރޭޝަންގެ ނަންބަރ 3353535 އިން ކަން އެޗްޑީސީން ހާމަކުރެއެވެ.

އެޗްޑީސީން މިގޮތަށް ބުނެފައިވަނީ ފްލެޓްތަކަށް ފައިސާ ދެއްކުމަށް އެދި ސްކޭމް ކޯލުތައް މީގެ ކުރިންވެސް ކޮށްފައިވާ މައްސަލަތަކެއް ފެންމަތިވެފައިވަނިކޮށެވެ. މި ދުވަސް ވަރަކީ އޮޅުވާލައިގެން ސްކޭމްތައް އާއްމު ވެފައިވާ ދުވަސްވަރަކަށް ވެފައި، މި ފަދަ މަސައްކަތްތަކަށް ބޭނުން ކުރާ މަޢޫލޫމާތުގެ ހައްސާސް ކަމުން، މި ހުރިހާ ކަމަކަށް ވެސް އެންމެހާ ބޭފުޅުން ވެސް ސާމާލުވުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ވިނަރެސް ފްލެޓަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުން އެޗް.ޑީ.ސީގެ ފައިނޭންޝަލް އިވެލުއޭޝަންއަށް ހޮވިފައިވާ ފަރާތްތަކަށް ބޭނުންވާ އިތުރު ލިޔެކިއުން ހުށަހެޅުމަށާއި މިކަމާއި ބެހޭ މަޢޫލޫމާތު ދިނުމަށް އޯޕަންޑޭ ކުރިއަށް ގެންދިއުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ. މިކަމާއި ގުޅިގެން ބާއްވަން ހަމަޖެހިފައިވާ އޯޕަން ޑޭ މާދަމާ 06 ޑިސެމްބަރު 2022 އިން ފެށިގެން ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހާއި ހަމައަށް ވޯޓާސްއެޖުގައި ކުރިއަށް ގެންދާނެއެވެ.

އޯޕަން ޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ވޯޓާސްއެޖްގައެވެ. އަދި ވަކިން ކޮންމެ ފަރާތަކަށްވެސް އެޕޮއިންޓްމަންޓް ގަޑިއެއް ކަނޑައެޅިފައިވާ އިރު، މިކަމާ ބެހޭ ހުރިހާ މަޢުލޫމާތެއް ވެސް ހިއްސާ ކުރެވިގެން ދާނީ މިކަމަށް ޙާއްސަކޮށްފައިވާ މައި ހުޅުމާލޭ ހައުސިންގ ޕޯޓަލް މެދުވެރިކޮށް ކަމަށް އެޗްޑީސީން ބުނެއެވެ.

މި ދުވަސްވަރު އޮޅުވާލައިގެން ފައިސާ ހޯދުމަށް ތަފާތު އުކުޅުތައް ބޭނުން ކުރެއެވެ. އެގޮތުން ފްލެޓަށް ހޮވިފައިވާ ކަމަށް ބުނެ ޑައުންޕޭމެންޓަށް ފައިސާ ހޯދަން މަސައްކަތް ކުރެއެވެ. މިފަދަ އެއްވެސް ކަމެއް ނުވަތަ ފޯން ކޯލަކާއި ނުވަތަ މެސެޖަކާއި ގުޅޭ ގޮތުން ޝައްކުވާ ނަމަ ފުލުހުންނަށް ރިޕޯޓު ކުރުމަށް ފުލުހުން އެދެއެވެ.