Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ދިރާގު ޓީވީ މައްސަލަ އަށް މީޑިއާނެޓަށް ނުވަދެވޭނެ

ދިރާގު ހެޑް އޮފީސް - ފޮޓޯ: ވީނިއުސް

ބްރޯޑްކާސްޓިންގް ކޮމިޝަނާއި ދެކޮޅަށް ދިރާގުން ހުށަހަޅާފައިވާ މައްސަލައަށް މިޑިއާނެޓާއި އެކު އިތުރު ދެ ކުންފުންޏަކަށް ނުވަދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ސިވިލް ކޯޓުން މިކަމާއި ގުޅޭގޮތުން އަމުރު ނެރެފައިވަނީ ދިރާގުގެ ރީބްރޯޑްކާސްޓް ކުރުމުގެ ލައިސެންސް އައު ނުކޮށްދޭން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމުމާއި ގުޅިގެންނެވެ. ބްރޯޑްކާސްޓިން ކޮމިޝަނުން އެގޮތަށް ނިންމާފައިވަނީ ބްރޯޑްކާސްޓިންގް ޤަވާއިދަށް ގެނައި އިސްލާހަކާއި އެކުއެވެ. އެއިސްލާހުގެ ދަށުން ބްރޯޑްކާސްޓު ކުރާ ކުންފުނިތަކުގައި ބޭރުގެ އެއްވެސް ފަރާތެއްގެ ހިއްސާ އޮވެގެން ނުވާނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

މިމައްސަލައަށް ވަނުމަށް އެދި ހުށަހަޅާފައިވަނީ މީޑިއާ ނެޓާއި އޭދަފުށީ ކޭބަލް ނެޓްވޯކާއި ސްކައި ލައިފް ކޯ ޕްރައިވެޓް ލިމިޑެޓުންނެވެ. މި ތިން ކުންފުންނިންވެސް މައްސަލައަށް ވަނުމަށް އެދި ހުށަހެޅި ސަބަބަކީ މި ކުންފުނި ތަކަކީ ބްރޯޑްކާސްޓު ކުރުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ދިވެހި 100 އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް ވުމާއެކު، ބްރޯޑްކާސްޓިން ކޮމިޝަނުގެ ނިންމުމަކީ ދިވެހި ވިޔަފާރިތައް ހިމާޔަތް ކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ބުނެއެވެ.

މިމައްސަލައަށް މިކުންފުނިތަކަށް ނުވަދެވޭނެ ކަމަށް ނިންމާ ސިވިލް ކޯޓުން ކުރި ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، މައްސަލަ އަކީ ދިރާގާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ ދެމެދުގައި އޮތް މައްސަލައަކަށްވެފައި، ލައިސެންސް އައު ކުރުމުގެ މައްސަލައިގެ އެއްވެސް މަރުހަލާއެއްގައި މިއިން އެއްވެސް ކުންފުންޏެއްގެ ދައުރެއް ނެތް ކަމަށް ފާހަގަ ކޮށެވެ.

އެ މައްސަލަ ނިމެންދެން، ދިރާގު ޓީވީގެ ލައިސަންސް ދަމަހައްޓަން ސިވިލް ކޯޓުން އޮތީ ކުރިން ވަގުތީ އަމުރެއް ނެރެފައެވެ. މިއަމުރު ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އިސްތިޢުނާފްކޮށްފައެވެ.