Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

މެޗު ޕްރިވިއު: ބްރެޒިލް-ކޮރެޔާ

ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގެ ކުޅުން ފަށާފައިވާއިރު މިރޭގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ބްރެޒިލް އާއި ދެކުނު ކޮރެޔާ އެވެ.

ބްރެޒިލް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ގްރޫޕް ޖީ ގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބްރެޒިލް މޮޅުވިއިރު އަނެއް މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ. ކޮރެޔާ ދެވަނަ ބުރުން ޖާގަ ހޯދީ ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ގްރޫޕް އެޗް ގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕް ސްޓޭޖުގައި ކޮރެޔާ ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އަދި އެއް މެޗުން ބަލިވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އެންމެފަހުން ބްރެޒިލް އިން ވާދަކުރި ހަތް ވޯލްޑް ކަޕްގައި ވެސް އެޓީމުން ވަނީ ދެވަނަ ބުރު ފަހަނައަޅާ ކުއާޓާފައިނަލަށް ދަތުރުކޮށްފަ އެވެ. ބްރެޒިލް އަށް އެންމެފަހުން ކުއާޓާ އަށް ދަތުރު ނުކުރެވުނީ 1990 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ. ގިނަ ބަދަލުތަކަކާއެކު ނިކުމެ ގްރޫޕްގެ ފަހު މެޗުގައި ކެމަރޫން އަތުން ބްރެޒިލް ބަލިވި ނަމަވެސް އެޓީމަކީ އަދިވެސް މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ބަލާ ޓީމެކެވެ.

ބްރެޒިލް އަށް މި މުބާރާތުގައި އެޓޭކިން އެންމެ ރަނގަޅު ކުޅުމެއް އަދި ދެއްކިފައި ނުވާއިރު ވޯލްޑް ކަޕްގައި އެންމެފަހުން ބްރެޒިލް އިން ކުޅުނު ފަސް މެޗުގައި ވެސް ފުރަތަމަ ހާފްގައި ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. ކޮރެޔާގެ ޑިފެންސިވް ސިސްޓަމް ފޫއަޅުވާލުމަށް ބްރެޒިލްގެ ފަރާތުން މިރޭ އެފަދަ ކުޅުމެއް ފެންނާނެ ކަމަށް ބެލެވެ އެވެ.

އޭޝިއާގެ ގަދަ ބާރެއްގެ ގޮތުގައި އޮތް ކޮރެޔާ އަށް މިހާތަނަށް ވޯލްޑް ކަޕެއްގެ ކުއާޓާފައިނަލަށް ދަތުރުކުރެވުނީ އެންމެ ފަހަރަކު އެވެ. އެއީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުގައި ކޮރެޔާ އަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު މި މުބާރާތުގައި ކޮރެޔާގެ އެންމެ މުހިއްމު ކުޅުންތެރިއާ ކަމަށްވާ ސޮން ހިއުން މިންގެ ވެސް އަސްލު ކުޅުން އަދި ފެނިފައެއް ނުވެ އެވެ. ކޮރެޔާ ކޮޅަށް މި މުބާރާތުގައި ޖުމްލަ ހަތަރު ގޯލް ވަދެފައިވާއިރު ބްރެޒިލްގެ އެޓޭކުތައް ހުއްޓުވަން ކޮރެޔާގެ ޑިފެންސްލައިނުން ކުރީ މެޗުތަކަށް ވުރެ ރަނގަޅު ކުޅުމެއް މިރޭ ދައްކަންޖެހެ އެވެ.

ބްރެޒިލް

ވޯލްޑް ކަޕްގައި އެންމެފަހުން ކުޅުނު 10 މެޗުގެ ތެރެއިން ހަތަރު މެޗުން ބްރެޒިލް ވަނީ ބަލިވެފަ އެވެ. އެ 10 މެޗުގެ ތެރެއިން ބްރެޒިލް އިން ވަނީ ފަސް މެޗުން މޮޅުވެފަ އެވެ.

ބްރެޒިލް އިން އެންމެފަހުން ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ކުޅުނު ހަތް މެޗުވެސް ވަނީ ކާމިޔާބުކޮށްފަ އެވެ. ވޯލްޑް ކަޕްގެ ދެވަނަ ބުރުގެ މެޗަކުން ބްރެޒިލް އެންމެފަހުން ބަލިވީ 1990 ވަނަ އަހަރު އާޖެންޓީނާ އަތުންނެވެ.

މިރޭގެ މެޗަށް ނިކުންނައިރު އަނިޔާގެ ސަބަބުން ގްރޫޕް ސްޓޭޖުގެ ފަހު ދެ މެޗުގައި ނުކުޅެވުނު ނޭމާ އަދި ޑެނީލޯ ވަނީ މި މެޗަށް ފިޓްވެފަ އެވެ.

ކޮރެޔާ

ވޯލްޑް ކަޕްގައި މިހާތަނަށް ކޮރެޔާ އަށް ދެކުނު އެމެރިކާގެ ޓީމެއް ބަލިވެފައެއް ނުވެ އެވެ. އެގޮތުން ދެކުނު އެމެރިކާގެ ޓީމުތަކާ ދެކޮޅަށް ކޮރެޔާ އިން ހަ މެޗު ކުޅެފައިވާއިރު ހަތަރު މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ.

މިއީ 2010 ވަނަ އަހަރަށްފަހު ކޮރެޔާ އިން ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ކުޅޭ ފުރަތަމަ މެޗެވެ. އެގޮތުން ދެވަނަ ބުރުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ކޮރެޔާ މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ 2002 ވަނަ އަހަރު އިޓަލީ އަތުންނެވެ.

މި މެޗަށް ނިކުންނައިރު ކޮރެޔާ ޓީމުުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތެވެ.

ދެ ޓީމުގެ ކުރިމަތިލުންތައް

މީގެކުރިން ހަތް ފަހަރެއްގެ މަތިން ބްރެޒިލް އާއި ކޮރެޔާ ވަނީ ބައްދަލުކޮށްފަ އެވެ. އޭގެތެރެއިން ހަ މެޗުން ބްރެޒިލް މޮޅުވިއިރު ކޮރެޔާ މޮޅުވީ އެންމެ މެޗަކުންނެވެ. މި ދެ ޓީމު އެންމެފަހުން ބައްދަލުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެ މެޗު 5-1 އިން ކާމިޔާބުކުރީ ބްރެޒިލް އިންނެވެ.

ބްރެޒިލް އާއި ކޮރެޔާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.