Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

ކްރޮއޭޝިއާ ކުއާޓާ އަށް، ހީރޯ އަކީ ކީޕަރު

ޕެނަލްޓީގައި 3-1 އިން ޖަޕާން ބަލިކުރުމަށްފަހު ފީފާ ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް ކްރޮއޭޝިއާ ދަތުރުކޮށްފި އެވެ.

މި ދެ ޓީމު މިރޭ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވެސް އޮތީ 1-1 އިން އެއްވަރުވެފަ އެވެ. މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީން ކަމަށްވާއިރު، ޕެނަލްޓީގައި ޖަޕާނުން ޖެހި ތިން ޕެނަލްޓީއެއް ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗް ވަނީ މަތަކޮށްފަ އެވެ.

މިއީ ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް ކްރޮއޭޝިއާ ޖެހިޖެހިގެން ދަތުރުކުރި ދެވަނަ ފަހަރެވެ. ކުއާޓާގައި ކްރޮއޭޝިއާ ބައްދަލުކުރާނީ މިރޭ ބްރެޒިލް އާއި ދެކުނު ކޮރެޔާ ކުޅޭ މެޗުން މޮޅުވާ ޓީމަކާ އެވެ.

ގަތަރުގެ އަލް ޖަނޫބް ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ލީޑު ނެގީ ޖަޕާނުންނެވެ. އެގޮތުން މެޗުގެ 43 ވަނަ މިނެޓްގައި މި ގޯލް ޖަޕާނަށް ކާމިޔާބުކޮށްދިނީ ޑައިޒެން މައޭޑާ ކަމަށްވާއިރު އޭނާ މި ގޯލް ކާމިޔާބުކުރީ ކްރޮއޭޝިއާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ޖަޕާން ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 55 ވަނަ މިނެޓްގައި އިވާން ޕެރިސިޗް ވަނީ ކްރޮއޭޝިއާ އަށް ލީޑު ނަގާދީފަ އެވެ. ޕެރިސިޗްގެ މި ގޯލަކީ ޖަޕާނުގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މި ގޯލަށްފަހު ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު 90 މިނެޓްގެ ކުޅުން ހަމަވެގެން ދެން ކުޅުނު އިތުރު ވަގުތުގެ 15 މިނެޓްގެ ދެ ހާފުގައި ވެސް ނަތީޖާ އަށް ބަދަލެއް އައިސްފައެއް ނުވެ އެވެ. އެއާއެކު މި މެޗުގެ ނަތީޖާ ދެން ނެރުނީ ޕެނަލްޓީންނެވެ.

އެގޮތުން ޖަޕާނުގެ ޓަކުމީ މިނަމީނޯ އާއި މިޓޯމާ އާއި މާޔާ ޔޮޝީޑާ ފޮނުވާލި ޕެނަލްޓީތައް ކްރޮއޭޝިއާގެ ކީޕަރު މަތަކުރިއިރު އެޓީމަށް ކާމިޔާބު ކުރެވުނީ ޓަކުމާ އަސާނޯގެ ޕެނަލްޓީ އެކަންޏެވެ. ކްރޮއޭޝިއާގެ ނިކޮލާ ވްލަސިޗް އާއި މާސެލޯ ބްރޮޒޮވިޗް އަދި މާރިއޯ ޕަސަލިޗް ޕެނަލްޓީތައް ކާމިޔާބުކުރިއިރު މާކޯ ލިވާޖާ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

ވޯލްޑް ކަޕްގައި މިހާތަނަށް ކްރޮއޭޝިއާ ޕެނަލްޓީ ޝޫޓްއައުޓެއްގައި ބަލިވެފައެއް ނުވެ އެވެ. މިއީ އެޓީމުން މޮޅުވި ތިންވަނަ ޕެނަލްޓީ ޝޫޓްއައުޓެވެ.