ދެކުނު ކޮޮރެޔާ 4-1 އިން ބަލިކުރުމަށްފަހު ފީފާ ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް ބްރެޒިލް ދަތުރުކޮށްފި އެވެ.
މިއީ މުބާރާތުގެ ކުއާޓާފައިނަލަށް ބްރެޒިލް ޖެހިޖެހިގެން ދަތުރުކުރި 8 ވަނަ ފަހަރެވެ. ކުއާޓާގައި ބްރެޒިލް ބައްދަލުކުރާނީ ކްރޮއޭޝިއާއާ އެވެ.
ބްރެޒިލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ހަތްވަނަ މިނެޓްގައި ވިނީޝަސް ޖޫނިއާ ވަނީ އެޓީމަށް ލީޑު ނަގާދީފަ އެވެ. ވިނީޝަސް މި ގޯލް ކާމިޔާބުކުރީ ކޮރެޔާގެ ޕެނަލްޓީއޭރިއާގެ ތެރޭ ހުހަށް ހުރެ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.
އޭގެ ހަ މިނެޓްފަހުން ބްރެޒިލް އަށް ޕެނަލްޓީއެއް ލިބުނު އިރު މި ޕެނަލްޓީ ކާމިޔާބުކޮށްދީ އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ނޭމާ އެވެ. މި ޕެނަލްޓީ ބްރެޒިލް އަށް ލިބުނީ ކޮރެޔާގެ ކުޅުންތެރިއަކު ބްރެޒިލްގެ ރިޗާލިސަން އަށް ކުރި ފައުލަކާ ގުޅިގެންނެވެ. ބްރެޒިލްގެ ތިންވަނަ ގޯލް މެޗުގެ 29 ވަނަ މިނެޓްގައި ރިޗާލިސަން ކާމިޔާބުކޮށްދިންއިރު މެޗުގެ 36 ވަނަ މިނެޓްގައި އެޓީމުގެ ހަތަރުވަނަ ގޯލް ކާމިޔާބުކޮށްދިނީ ލޫކަސް ޕަކޭޓާ އެވެ.
ހަތަރުގެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ބްރެޒިލް އިން ނިންމާލިއިރު ދެވަނަ ހާފްގައި އެޓީމަށް ވަނީ ލީޑު ފުޅާކޮށްލަން ވެސް އިތުރު ފުރުސަތުތަކެއް ލިބިގެން ގޮސްފަ އެވެ. އެގޮތުން ބްރެޒިލްގެ ރަފީނިއާ ފޮނުވާލި ދެ ހަމަލާއެއް ކޮރެޔާގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.
މި މެޗުގައި ކޮރެޔާގެ ހަމައެކަނި ގޯލް މެޗުގެ 76 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޕައިކް ސެންގް ހޯ އެވެ. އޭނާ މި ގޯލް ކާމިޔާބުކުރީ ބްރެޒިލްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
ކުއާޓާގައި ބްރެޒިލް އާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރެ އެވެ.