Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

ވޯލްޑް ކަޕްގައި މޮރޮކޯ އިން ކުޅެނީ ހުސް ފައިނަލް

މިފަހަރުގެ ފީފާ ވޯލްޑް ކަޕްގައި މޮރޮކޯ އިން ކުޅެނީ ހުސް ފައިނަލް ކަމަށް އެޓީމުގެ ކޯޗު ވާލިދް ރެގްރަގޫ ބުނެފި އެވެ.

ބެލްޖިއަމް އާއި ކްރޮއޭޝިއާ އަދި ކެނެޑާ ހިމެނުނު ގްރޫޕުން އެއްވަނަ ހޯދައިގެން ދެވަނަ ބުރަށް ދަތުރުކުރި މޮރޮކޯ މިރޭ ކުއާޓާފައިނަލްގެ ޖާގައެއް ހޯދަން ނިކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ.

މި މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ރެގްރަގޫ ބުނީ ސްޕެއިން މެޗު ވެގެންދާނީ އުނދަގޫ މެޗަކަށް ކަމަށާއި ސްޕެއިނަކީ ދުނިޔޭގައި އޮތް އެންމެ މޮޅު އެއް ޓީމުގެ އިތުރުން ވޯލްޑް ކަޕްގެ ފެވަރިޓުންގެ ތެރޭގައި ވެސް ހިމެނޭ ޓީމެއް ކަމަށެވެ. ނަމަވެސް މޮރޮކޯގައި ވެސް ފެންވަރު އެބަހުރި ކަމަށާއި ސްޕެއިން ކަޓުވާލެވިއްޖެ ނަމަ އެކަން ވެގެންދާނީ ބޮޑު ސަޕްރައިޒަކަށް ކަމަށް ރެގްރަގޫ ބުންޏެވެ.

މޮރޮކޯގެ ކޯޗު ވަނީ ދެވަނަ ބުރުގައި މިރޭ ސްޕެއިނާއި ދެކޮޅަށް ކުޅޭ މެޗަކީ އެޓީމަށް ފައިނަލެއް ފަދަ މެޗެއް ކަމަށްވެސް ބުނެފަ އެވެ.

"މުބާރާތުގެ ކުރިން ހުރިހާ ކުޅުންތެރިން ކައިރީގައި ވެސް ބުނިން އަހަރަމެން މި މުބާރާތުގައި ކުޅޭނީ ހުސް ފައިނަލޭ. ގްރޫޕް ސްޓޭޖުގައި އަހަރަމެން ކުޅެފިން ތިން ފައިނަލް. މިރޭ މިއޮތީ ހަތަރުވަނަ ފައިނަލް." ކޯޗު ބުންޏެވެ.

އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި މޮރޮކޯއާ ސްޕެއިން ބައްދަލުކުރިއިރު އެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މޮރޮކޯގެ ކޯޗު ބުނީ އެ މެޗަކީ މިހާރު މާޒީ ކަމަށާއި އެންމެފަހުން ކެނެޑާއާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފްގައި ދެއްކި މޮޅު ކުޅުން މިރޭގެ މުޅި މެޗުގައި ދައްކަންޖެހޭނެ ކަމަށެވެ.

މޮރޮކޯ އަށް ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް މިހާތަނަށް ދަތުރުކުރެވިފައި ނުވާއިރު އެޓީމު މުބާރާތުގެ ދެވަނަ ބުރަށް މިފަހަރު ދަތުރުކުރީ ވެސް 36 އަހަރަށްފަހު އެވެ.

ސްޕެއިން އާއި މޮރޮކޯ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 8 ޖަހާއިރު އެވެ.