ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ދެކުނު ކޮރެޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން ފެނުނު އަމަލާ މެދު ހިތްހަމަނުޖެހޭ ކަމަށް އެޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފި އެވެ.
ދެކުނު ކޮރެޔާ އަތުން 2-1 އިން ޕޯޗުގަލް ބަލިވި މެޗުގެ ދެވަނަ ހާފްގައި ރޮނާލްޑޯ ބަދަލުކުރުމުން އޭނާ ދަނޑުން ފައިބައިގެންދިޔައިރު އެކަމާ ހިތްހަމަނުޖެހުނު މަންޒަރު ވަނީ ފެނިގެން ގޮސްފަ އެވެ. އަދި ދަނޑުން ފައިބައިގެން ދިޔައިރު ދެކުނު ކޮރެޔާގެ ކުޅުންތެރިއަކާ ދިމާލަށް ވެސް ރޮނާލްޑޯ ދިޔައީ އެއްޗެއް ބުނެފަ އެވެ.
މިކަމާ ގުޅޭގޮތުން ޕޯޗުގަލްގެ ކޯޗު ސަންޓޯސްއާ ސުވާލުކުރުމުން ބުނީ މެޗަށްފަހު އެކަމާ ގުޅޭ ވީޑިއޯ ބެލި ކަމަށާއި އެކަމާ އެއްގޮތަކަށް ވެސް ހިތްހަމަނުޖެހޭ ކަމަށެވެ. އަދި އެކަން ހައްލުކުރަންޖެހޭ އުސޫލުން ހައްލުކޮށްފައިވާނެ ކަމަށާއި ހުރިހާ ކުޅުންތެރިންގެ ވެސް ފޯކަސް މިހާރު ހުރީ މިރޭގެ މެޗަށް ކަމަށް ސަންޓޯސް ބުންޏެވެ.
"އެއީ އަހަރަމެން ވަކިން ހައްލުކުރަން ޖެހޭ ކަމެއް. އެކަން އެގޮތަށް ވާނީ ހައްލުކޮށްފައި. މިހާރު ވިސްނުން މިހުރީ މިރޭގެ މެޗަށް." ސަންޓޯސް ބުންޏެވެ.
ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ޕޯޗުގަލް އިން މިރޭ ނިކުންނާނީ ސްވިޒަލޭންޑާއި ދެކޮޅަށެވެ. މި މެޗުގައި ރޮނާލްޑޯ އަށް ކެޕްޓަންކަން ދޭނެތޯ ސުވާލުކުރުމުން ސަންޓޯސް ވަނީ އެކަން ޔަގީންކޮށްދޭން ދެކޮޅު ހަދާފަ އެވެ.
"ކެޕްޓަންކަން ކުރާނެ މީހެއް އަހަރެން ކަނޑައަޅަނީ ދަނޑަށް ދެވުނީމަ. އަހަންނަށް އަދިވެސް ނޭނގޭ މިރޭގެ މެޗުގެ ފުރަތަމަ އެގާރަ ވެސް. ފުރަތަމަ އެގާރަ އިއުލާން ކުރާނީ ވެސް ޗޭންޖިން ރޫމްގައި. އެއީ އަހަރެން އަބަދުވެސް ކަން ކުރާ ގޮތް. އެކަން މިރޭ ވެސް އޮންނާނީ ހަމަ އެގޮތަށް." ސަންޓޯސް ބުންޏެވެ.
ޕޯޗުގަލް އާއި ސްވިޒަލޭންޑް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.