ބްރެޒިލް އިން ކުޅޭ ކޮންމެ މެޗަކަށް 10 ޑާންސް ތައްޔާރު ކުރާ ކަމަށް އެޓީމުގެ ވިންގަށް ކުޅެމުން އަންނަ ރަފީނިއާ ބުނެފި އެވެ.
ފީފާ ވޯލްޑް ކަޕްގައި ބްރެޒިލްގެ ކުޅުންތެރިން ގޯލް ޖެހުމަށްފަހު ނަށާއިރު، މި ނެށުންތައް އެންމެ ރަނގަޅަށް ފެނިގެންދިޔައީ މުބާރާތުގެ ދެވަނަ ބުރުގައި ރޭ ދެކުނު ކޮރެޔާ އަތުން 4-1 އިން ބްރެޒިލް މޮޅުވި މެޗުގަ އެވެ. އެގޮތުން ކޮންމެ ގޯލަކަށްފަހު ބްރެޒިލްގެ ކުޅުންތެރިންގެ ނެށުންތައް ފެނިފައިވާއިރު، ރޭގެ މެޗުގައި ބްރެޒިލްގެ ކޯޗު ޓީޓޭގެ ނެށުމެއް ވެސް ފެނިފައިވެ އެވެ.
ބްރެޒިލް ކުޅުންތެރިންގެ ނެށުންތަކަށް ބޮޑު ސަމާލުކަމެއް ލިބިފައިވާއިރު ރަފީނިއާ ބުނީ ބްރެޒިލް އިން ކޮންމެ މެޗެއްގައި ވެސް 10 ގޯލަަށްވާ ވަރަށް ނެށުންތައް ތައްޔާރުކުރާ ކަމަށެވެ.
"ކޮންމެ މެޗަކަށް އަހަރަމެން 10 ޑާންސް ތައްޔާރުކުރަން. އެއީ ފުރަތަމަ ގޯލް، ދެވަނަ ގޯލް އަދި ތިންވަނަ ގޯލު، މިހެން ގޮސް 10 ގޯލަށް ވުރެ ގިނައިން ޖެހިއްޖެ ނަމަ ދެން ކުޅުންތެރިން ޖެހޭނީ އާ ޑާންސްތައް ދައްކާލަން." ރަފީނިއާ ބުންޏެވެ.
ބްރެޒިލްގެ ނެށުންތައް ވޯލްޑް ކަޕުން ފެންނަމުންދާއިރު އެޓީމުގެ ކޯޗު ޓީޓޭ ވަނީ ގޯލް ޖެހުމަށްފަހު ކުޅުންތެރިން ނަށަނީ އެއްވެސް ހާލެއްގައި ވަކި ބަޔަކަށް ޖެއްސުން ކުރުމުގެ ނިޔަތުގައި ނޫން ކަމަށް ބުނެފަ އެވެ. އަދި އެއީ ބްރެޒިލްގެ ސަގާފަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އެކަމަށް އިހުތިރާމް ކުރުމަށް ޓީޓޭ ވަނީ ގޮވާލާފަ އެވެ.
މުބާރާތުގެ ކުއާޓާފައިނަލްގައި ބްރެޒިލް ބައްދަލުކުރާނީ ކްރޮއޭޝިއާއާ އެވެ. އެ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރެ އެވެ.