Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

ދެކުނު ކޮރެޔާގެ ކޯޗު އިސްތިއުފާ ދީފި

ދެކުނު ކޮރެޔާގެ ކޯޗު ޕައުލޯ ބެންޓޯ މަގާމުން އިސްތިއުފާ ދީފި އެވެ.

ކޮރެޔާގެ ކޯޗުކަމުން ބެންޓޯ އިސްތިއުފާ ދިނީ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ރޭ 4-1 އިން ބްރެޒިލް އަތުން ބަލިވެ މުބާރާތުން ކޮރެޔާ ކެޓި މެޗަށްފަހު އެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބެންޓޯ ބުނީ ކޮރެޔާގެ ކޯޗުކަމުން އިސްތިއުފާ ދޭން ނިންމިކަން ޓީމުގެ ކުޅުންތެރިންނާއި އަދި ކޮރެޔާގެ ފުޓްބޯޅަ އިދާރާގެ ރައީސަށް އަންގާފައިވާނެ ކަމަށެވެ. މިއީ މިދިޔަ ސެޕްޓެމްބަރުގެ ތެރޭގައި ނިންމި ނިންމުމެއް ކަމަށާއި އެ ނިންމުމަށް ބަދަލެއް ގެނައުމުގެ ވިސްނުމެއް ނެތް ކަމަށް ބެންޓޯ ބުންޏެވެ.

ޕޯޗުގަލް އަށް އުފަން ބެންޓޯ ކޮރެޔާގެ ކޯޗުކަމާ ހަވާލުވީ 2018 ވަނަ އަހަރު އެވެ. މިފަހަރުގެ ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ކޮރެޔާ ދަތުރުކުރިއިރު މިއީ 2010 ވަނަ އަހަރަށްފަހު އެޓީމު މި މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.

ބެންޓޯ ބުނީ މި ވޯލްޑް ކަޕްގައި އަދި ފާއިތުވި ހަތަރު އަހަރު ކޮރެޔާ ޓީމާއެކު ކުރެވުނު މަސައްކަތާ މެދު ފަހުރުވެރިވާ ކަމަށެވެ. އަދި ކުރިމަގާ މެދު ދެން ގޮތެއް ނިންމާނީ ދުވަސްކޮޅަކަށް އަރާމުކޮށްލުމަށްފަހު ކަމަށްވެސް ބެންޓޯ ބުންޏެވެ.