ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދްކޯން ވެސް ދާ ގޮތަށް ހަމަޖެހިއްޖެ އެވެ
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ މި މަހުގެ 18 ކުޅޭ މުބާރާތުގެ ފައިނަލް މެޗްގެ ކުރިން ވޯލްޑް ކަޕްގެ ޓްރޮފީ ދައްކައިލަން ބާއްވާ ހާއްސަ ރަސްމިއްޔާތުގައި އިންޓަނޭޝަނަލް ގިނަ ސެލެބްރިޓިންތަކަކާ އެކީ ދީޕިކާ ބައިވެރިވާނެ އެވެ. މިއާ އެކީ މިކަން ވަނީ ބޮލީވުޑްގެ ބަތަލާއަކު ވޯލްޑް ކަޕްގެ ޓްރޮފީ ދައްކައިލަން ބައިވެރިވާ ފުރަތަމަ ފަހަރަށެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި ބޮލީވުޑްގެ މަޝްހޫރު އައިޓަމް ގާލް ނޯރާ ފަތުހީ މުބާރާތް ހުޅުވަން މިދިޔަ މަހުގެ 20 ގައި ބޭއްވި ރަސްމިއްޔާތުގައި އިންޑިއާ ތަމްސީލުކޮށްފައިވެ އެވެ.
މީޑިއާތަކުން ބުނީ ވޯލްޑް ކަޕް ފައިނަލަށް ދީޕިކާ ގަތަރަށް ވަރަށް އަވަހަށް ފުރާނެ ކަމަށެވެ. ވޯލްޑް ކަޕްގެ ހަފުލާއެއްގައި ބައިވެރިވާން ހޮލީވުޑްގެ ފިލްމެއް ވެސް ކުޅެފައިވާ ބަތަލާ އަށް ފުރުސަތު ލިބުނު އިރު، އޭނާ އަންނަނީ މިހާރު ވެސް ދެ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. އެގޮތުން "ބާހްބަލީ" ގެ ތަރި ޕްރަބާސްއާ އެކީ ކުޅޭ "ޕްރޮޖެކްޓް ކޭ" އާއި ރިތިކްް ރޯޝަނާ އެކީ ކުޅޭ "ފައިޓާ" އެވެ.
ދީޕިކާ އެންމެ އަވަހަށް ފެންނަން އޮތީ އަންނަ މަހުގެ 25 ގައި ރިލީޒްކުރާ ޝާހްރުކް ޚާންގެ "ޕަތާން" އެވެ. އެކްޓަރު ރަންވީރު ސިންގްގެ އަންހެނުންގެ އެންމެ ފަހުގެ ފިލްމަކީ ފެބްރުއަރީގައި ގެނެސްދިން "ގެހަރާއިޔާ" އެވެ. އަދި މި މަހުގެ 23 ގައި ރިލީޒްކުރާ ރަންވީރުގެ ފިލްމު "ސާކަސް" ގެ ލަވައަކުން ދީޕިކާ ފެންނާނެ އެވެ.
ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ދާން ރަންވީރަށް ވެސް ދައުވަތު ލިބިފައިވެ އެވެ. އޭނަ އަކީ އަބަދު ވެސް ފުޓްބޯޅައިގެ ވަރަށް ބޮޑު ފޭނެކެވެ.