Last Updated: March 28, 13:49
Thursday, March 28, 2024
ޚަބަރު

އައްޑޫ އިސްލާމީ މަރުކަޒު ބީލަމަށް ލައިފި

ހިތަދޫގައި އަމިއްލަ ފަރާތަކުން ބިނާކޮށްފައިވާ މިސްކިތެއް.

އަައްޑޫގައި ބިނާކުރަން ނިންމާފައިވާ އިސްލާމީ މަރުކަޒު ބީލަމަށް ލައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ހިތަދޫގައި އިމާރާތްކުރަން ނިންމާފައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 22 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން 500ރ. ގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. ރަސްޖިޓްރޭޝަން ކުރިއަށްދާނީ މި މަހުގެ 20 އާ ހަމައަށެވެ.

އައްޑޫ އިސްލާމީ މަރުކަޒު އިމާރާތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހަޅަން ފުރުސަތު ހުޅުވާލި އިރު، މި މަޝްރޫއުގެ ބިޑް ސެކިއުރިޓީ އަކީ 235،000ރ. އެވެ. އަދި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ބީލަންތައް ހުޅުވަން އޮންނާނީ މި މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީގަ އެވެ.

އައްޑޫގައި އިސްލާމިކް ސެންޓަރެއް ހަދާ ވާހަކަ އެންމެ ފުރަތަމަ ދެކެވުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މި ވައުދުވެވަޑައިގެންފައިވެ އެވެ. އެގޮތުން 2019 ގައި އައްޑު އަށް ކުރެއްވި ދަތުރުގައި އެ އަހަރުގެ މާޗް 8 ވަނަ ދުވަހުގެ ރޭ މަރަދޫގައި ބޭއްވި ޖަލްސާއެއްގައި ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުން އައްޑޫގައި އިސްލާމީ މަރުކަޒެއް ބިނާކުރާނެ ކަމަށެވެ.

ރައީސް ސޯލިހު އޭރު ވިދާޅުވި ގޮތުގައި އިސްލާމް ދީނުގެ ސައްހަ އަގީދާ ދިރުވައި، ރައްޔިތުންގެ ހިތުގައި އިސްލާމީ ރިވެތި ސިފަތަށް އަށަގެންނެވުމަށް އައްޑޫގައި އިސްލާމިކް ސެންޓަރެއް ގާއިމުކުރުމަކީ ސަރުކާރުގެ ވައުދެކެވެ. އެގޮތުން އެއްފަހަރާ 2000 މީހުންނަށް ނަމާދުކުރެވޭނެ އިސްލާމީ މަރުކަޒެއް ބިނާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.