ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް ޑޮކިއުމަންޓަރީ ސީރީޒް "ހެރީ އެންޑް މޭގަން" ދެ ބަޔަކަށް ގެނެސްދޭން ނިންމައިފި އެވެ.
މިކަން އިއުލާންކޮށް އެ ޕްރީމިއާކުރަން ތައްޔާރުވާ ނެޓްފްލިކްސް އިން ބުނީ ސީރީޒްގެ ފުރަތަމަ ވޮލިއުމް އަންނަ ބުރާސްފަތި ދުވަހު ގެނެސްދިނުމަށް ދެވަނަ ވޮލިއުމް ގެނެސްދޭނީ މި މަހުގެ 15 ގައި ކަމަށެވެ. އެގޮތުން މިހާރު ވަނީ "ހެރީ އެންޑް މޭގަން" ގެ ޓްރެއިލާ ވެސް އާންމުކޮށްފި އެވެ.
މީގައި އެ ދެ ބޭފުޅުންގެ ޒާތީ ވަރަށް ގިނަ ކަންކަމާއި ވަރަށް ގިނަ ވާހަކަތައް ހިއްސާކުރައްވާނެ އެވެ.
ހެރީ އާއު މޭގަން ކައިވެނި ބައްލަވައިގަތީ 2018 ގަ އެވެ. އަދި މިހާރު ދެ ޖިންސްގެ ދެ ބޭފުޅުން ވެސް އެބަތިއްބެވި އެވެ. ދެހާސް ވިހީގެ ކުރީކޮޅު ޝާހީ ޒިންމާތަކާއި އެ އާއިލާ ވެސް ދޫކޮށްލައްވައި ހެރީ އާއި މޭގަން ދިރިއުޅުއްވަމުން ގެންދަވަނީ އެމެރިކާގެ ލޮސް އެންޖެލިސްގަ އެވެ.
"ހެރީ އެންޑް މޭގަން" ޑޮކިއު-ސީރީޒަކީ ދެ ކަނބަކުން ނެޓްފްލިކްސްއާ އެކީ 2020 ގައި ހެއްދެވި އެއްބަސްވުމެއްގެ ދަށުން ގެނެސްދޭ އުފެއްދުމެކެވެ.
ހެރީ އަކީ އިނގިރޭސި ރަސްގެފާނު ޗާލްސްގެ ހަގު ދަރިކަލުންނެވެ.